އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް އާސެނަލުން ވިދިވިދިގެން ތިންވަނަ މޮޅު ހޯދިއިރު މެންޗެސްޓަރ ޔުނައިޓެޑާއި ސިޓީ ވެސް މޮޅުވެއްޖެއެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މިމެޗު އާސެނަލުން 2-1 ގެ ނަތީޖާއަކުން މިމެޗުން މޮޅުވިއިރު ފުރަތަމަ ހާފުގައި ދެޓީމަށް ލަނޑެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އާސެނަލަށް ކުރި ހޯދައިދިނީ ސްވިޒަލޭންޑްގެ މިޑްފީލްޑަރު ގްރޭނިޓް ޒާކާ އެވެ. މިއީ، ނިއުކާސަލްގެ ގޯލާއި 25 ޔާޑް ދުރުން ލިބުނު ހިލޭޖެހުމެއް ގޯލްގެ ކަނާތްފަރާތު މަތީކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
މެޗުގެ 58 ވަނަ މިނެޓުގައި އަލެކްސެންޑަ ލަކަޒޭ ފޮނުވާލި ހަމަލާއެއް ނިއުކާސަލްގެ ކުޅުންތެރިންނަށް ދިފާއުނުކުރެވިގެން އުޅެނިކޮށް އޭގެ ފައިދާނަގައި މެސުޓު އޮޒިލް ވަނީ އާސެނަލް އަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިއީ އާސެނަލްގެ ޖާޒީގައި އޮޒިލް ކުޅުނު 200 ވަނަ މެޗުކަން ވެސް ފާހަގަކޮށްލާންޖެހެއެވެ.
މެޗުގެ އިތުރުވަގުތުގައި ނިއުކާސަލްގެ ޑިފެންޑަރު ކިއެރަން ކްލާކް ލަނޑެއް ޖެހި ނަމަވެސް ނަތީޖާއަށް ބަދަލެއް ގެނެވޭ ގޮތެއް ނުވި އެވެ. މިއީ އެޓީމުގެ ފެޑެރީކޯ ފެނާންޑޭޒް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކްލާކް ކާމިޔާބުކުރި ގޯލެކެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފަހު މެޗުގައި، ޔުނައިޓެޑް ވަނީ ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ވަޓްފޯޑް އަތުން ރަށުން ބޭރުގައި 2-1 އިން މޮޅުވެފައެވެ.
ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑް ނަގައިދިނީ ރޮމެލޫ ލުކާކޫ އެވެ. އޭގެ ތިން މިނެޓުފަހުން، މަރުއާން ފެލައިނީ ދިން ބޯޅައަކުން އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިން ކާމިޔާބުކުރި ރީތި ގޯލާއިއެކު އެޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ވަޓްފޯޑަށް ފަރަގު ކުޑަކޮށްދިނީ އަންދްރޭ ގްރޭ ކާމިޔާބުކުރި ރީތި ގޯލުންނެވެ. މިއީ އެޓީމަށް ކުޅޭ އަބްދުލާޔޭ ޑުކޫރޭ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިމެޗުގެ އިތުރުވަގުތުގައި ޔުނައިޓެޑްގެ ނިމަންޔާ މަޓިޗަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލި ނަމަވެސް ވަޓްފޯޑަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. މިމެޗުގައި ޔުނައިޓެޑަށް ތިން ޕޮއިންޓް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އެޓީމުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ އެވެ. އޭނާ ވަނީ މިމެޗުގައި ވަޓްފޯޑުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފުލަމް އަތުން އަމިއްލަ ދަނޑުގައި 3-0 އިން ސިޓީ މޮޅުވިއިރު ގޯލްތައް ޖަހައިދިނީ ލެރޯއީ ސާނޭ އާއި ޑޭވިޑް ސިލްވާ އަދި ރަހީމް ސްޓާލިން އެވެ. ހަޑަސްފީލްޑް ޓައުން އަތުން 1-0 އިން ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް މޮޅުވިއިރު ބޯންމައުތު ވަނީ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން ލެސްޓަރ ސިޓީ ބަލިކޮށްފައެވެ.
ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު، ސިޓީ ވަނީ 13 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ތިންވަނަ އަށް ޖެހިލައިފައެވެ. ހަތަރުވަނައިގައި އޮތް ވަޓްފޯޑް އަށް 12 ޕޮއިންޓް ލިބިފައިވާއިރު އާސެނަލް އޮތީ ނުވަ ޕޮއިންޓާ އެކު ހަތްވަނައިގައެވެ. އަދި ޔުނައިޓެޑް އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހަމަކޮށްގެން ފައިދާ ގޯލްގެ ތަފާތުން 8 ވަނައިގައެވެ.