Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އެމްޓީސީސީގެ މުވައްޒަފުން މަރަދޫފޭދޫ ފުޓްސަލް ދަނޑުގެ މަސައްކަތަށް ނެރެފި

މަރަދޫފޭދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ދަނީ. އެމްޓީސީސީ މުވައްޒަފުން މި މަސައްކަތް އަވަސް ކުރުމުގައި ބައިވެރިވާން ވަނީ އަންގާފައި. ފޮޓޯ: މަސީހް

އައްޑޫ ސިޓީގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ގެ މުވައްޒަފުން އެ މަސައްކަތް ހުއްޓާލުމަށް ފަހު މަރަދޫފޭދޫ ފުޓްސަލް ދަނޑުގެ މަސައްކަތަށް ނިކުތުމަށް އަންގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުވައްޒަފުންނަށް އެފަދަ އެންގުމެއް އަންގާފައި ވަނީ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމެވެ.

އެހެންވެ އެމްޓީސީސީ ފޭދޫ ސައިޓްގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް މިވަގުތު ދަނީ މަރަދޫފޭދޫ ފުޓްސަލް ދަނޑުގައި ހަރަކާތްތެރިވަމުންނެެވެ.

މަރަދޫފޭދޫގައި ފުޓްސަލް ދަނޑުގެ މަސައްކަތަށް އެމްޓީސީސީގެ މުވައްޒަފުން ނެރުނު އިރު މިއީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފައިވާ މަސައްކަތެކެވެ. އެކުންފުނީގެ ފަރާތުން މިހާރު ވެސް ދަނީ އެ ދަނޑުގައި މަސައްކަތް ކުރަމުންނެވެ.

އައްޑޫގައި މިވަގުތު ހުރި އެމްޓީސީސީގެ ޖީއެމް ހުޝާމް ވަނީ އައްޑޫގައި މަސައްކަތް ކުރަމުން އަންނަ 60 އެއްހާ އެމްޓީސީސީގެ މުވައްޒަފުން މަރަދޫފޭދޫ ދަނޑުގެ މަސައްކަތަށް ނިކުތުމަށް އަންގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުވައްޒަފުންނަށް އަންގާފައި ވަނީ "މިރޭ ހޭލާ ތިބެގެން ވެސް" ދަނޑުގެ ފެންސްގަ މަސައްކަތް ނިންމުމަށެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޓީސީސީގެ މުވައްޒަފުންތަކެއް އަމިއްލަ ކުންފުންޏަކުން ކުރަމުންދާ މަސައްކަތެއް ނިންމުމަށް އެމްޓީސީސީގެ މުވައްޒަފުން ނެރެން ޖެހުނީ ކީއްވެގެން ކަމެއް ނޭނގެއެވެ.