Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ވޯޓު ކޮޅެއް ލިބޭތޯ މަރަދޫ ބަނދަރުގެ މަސައްކަތް ފަށަނީ!

އައްޑޫ ސިޓީ، މަރަދޫގެ ބަނދަރު ސަރަހައްދު. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

އައްޑޫ ސިޓީ މަރަދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ފަށަން ނިންމައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ 2 ވެހިކަލެއް އެމްޓީސީސީގެ ލޭންޑިން ކްރާފްޓުގައި ވަނީ ފުރުވާލާފައެވެ. ލޭންޑިން ކްރާފްޓް ހޯމަ ދުވަހުގެ ރޭ ނުވަތަ އަންގާރަ ހިސާބުގައި އައްޑޫއަށް އަންނާނެއެވެ.

މަރަދޫ ބަނދަރު ބޮޑުކުރުމަށް މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު އައްޑޫގައި ހުރި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކަކަށް ކުރެވުނު ކޮންމެ ކަމެއް ކޮށްގެން ވޯޓު އިތުރަށް ހޯދުމަށް ރައީސް ޔާމީން ވަނީ އަންގަވާފައެވެ."

އެމަނިކުފަނު މިގޮތަށް އެންގެވީ ދާދިފަހުން އައްޑޫއަށް ކުރެއްވި ޒިޔާރަތުގައި އައްޑޫން ޕީޕީއެމް އަށް އޮތް ތާއީދު މަދުކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މަރަދޫ ބަނދަރަކީ އައްޑޫގެ ބަނދަރުތަކުގެ ތެރެއިން މަސްވެރި އުޅަނދުފަހަރު އެންމެ ބޮޑަށް ބޭނުން ކުރާ ބަނދަރެވެ. އެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބުނަމުން ގެންދަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.

އެހެން ނަމަވެސް އެ މަސައްކަތް މިހާތަނަށް ވެސް ފެށިފައެއް ނުވެއެވެ.