Last Updated: April 29, 17:48
Tuesday, April 29, 2025
ޚަބަރު

ރާއްޖޭގެ 12 ޖަމިއްޔާއަކުން ކުޅުދުއްފުށީ ކުޅިއާއި ބެހޭގޮތުން ނޫސް ބަޔާނެއް ނެރެފި

ރާއްޖޭގެ 12 މަދަނީ ޖަމިއްޔާއަކުން ކުޅުދުއްފުށީ ކުޅީގެ ބާކީއޮތްބައި ހިމާޔަތް ކުރުމާއި ބެހޭގޮތުން ނޫސް ބަޔާނެއް ނެރެފިއެވެ.

3 ސަފްހާގެ މައްޗަށް އެކުލެވޭ ނޫސްބަޔާނުގައި ގިނަ ކުޅި ހިއްކުމާއި ގުޅިގެން ގިނަ ކަންބޮޑުވުން ތަކަކާއި ހިތްހަމަނުޖެހުން ވަނީ ފާޅުކުރައްވާފައެވެ.

ހދ. ކުޅުދުއްފުށީގައި އެއަރފޯޓްްއެއް އެޅުމަށްޓަކާ ރާއްޖޭގައި އޮތް ގުދުރަތީ ގޮތުން އެންމެ މުއްސަނދި އެއް ކުޅި ކަމުގައިވާ އެ ރަށު ކުޅީގެ ބޮޑުބައެއް ހިއްކުމުގެ ސަބަބުން، އެ ކުޅިއަށް ވަނީ އިއާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބިފައި ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ ބޮޑު ޖަރީމާއެއް ހިންގީ ކުޅުދުއްފުށީގެ ކުޅީގެ ހާލަތާއި ބޭނުން ދެނެގަންނަން ކޮށްފައިވާ ދިރާސާ ތަކަށް ބެލުމެއްނެތި، އަދި އެ ކުޅި ހިމާޔަތް ކުރުމަށް ގޮވާލާ، ކުޅީގެ ބޮޑުބައެއް ނައްތާލުމުން ނިކުންނާނެ ނޭދެވޭ އަސަރުތައް އެކިއެކި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށް އަމިއްލަ ފަރުދުންނާއި އެކި ޖަމާއަތްތަކުން ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ކަމަށެވެ.

އެއަރޕޯޓް އެޅުމުގެ ޕްރޮޖެކްޓްގައި ހިއްކާނީ އަދި ގެއްލުން ވާނީ ކުޅީގެ %30 ކަމަށް ސަރުކާރުގެ ކަމާބެހޭ އެކި މުއައްސަސާތަކުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ ހާމަކޮށްފައި ކަމަށް ވެސް ބަޔާނުގައި ވެއެވެ. މިގޮތުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިގް އިބްރާހީމް ވަނީ ކުޅިން ހިއްކަނީ %30 ކަމަށާއި ކުޅީގެ ބާކީއޮތް ބަޔަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން އެކިފަހަރު މަތިން ދީފައި ކަމަށެވެ. އަދި 16 ސެޕްޓެމްބަރު 2018 ގައި ބޭއްވުނު ހަފްލާއެއްގައި، ކުޅުދުއްފުށީގެ ކުޅިން ހިއްކާފައިވަނީ %50 އަށްވުރެވެސް ކުޑަތަންކޮޅެއް ކަމަށް ރައީސް ޔާމީން ވެސް ވިދާޅުވެފައިވި ނަމަވެސް، ހަގީގަތަކީ އެއަޕޯޓް އެޅުމަށް ކުޅި ހިއްކައި ނިމުނު އިރު ކުޅީގެ ގާތްގަނޑަކަށް %70 ހިއްކާފައިވާ ކަމަށެވެ.

ކުޅި ހިއްކުމުގައި އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް އަދި ޕްރޮޖެކްޓްގެ ޑެސިޝަން ސްޓޭޓްމަންޓަށް އެއްވެސް ބެލުމެއްނެތި އަމަލު ކޮށްފައިވާތީ މިއަދު ވަނީ ތަރައްގީގެ ނަމުގައި އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކުޅިއަށް ދީފައި ކަމަށް އެ ބަޔާނުގައި ވެއެވެ. މިގޮތަށް ހިއްކާ ބަޔާއި ނުހިއްކާބައި ވަކި ނުކުރުމާއި އަދި ހިއްކި ބައިން ނެގުނު ކިސަޑު ނުހިއްކާ ބަޔަށް އެޅުމުގެ ސަބަބުން ކުޅީގެ ބާކީއޮތްބައި ވަނީ ވަރަށް ބޮޑަށް ތިލަވެ ކުޅި ފަނާވެ ނެތިދިޔުމުގެ ބިރާއި ކުރިމަތި ވެފައި ކަމަށެވެ. އަދި ކުޅިއަށް މޫދުން ލޮނު ވަންނާނޭ އެންމެހާ ގޮތްތައް ބަންދު ކޮށްފައިވާތީ ކުޅީގެ ދިރުންތަކަށް އަންނަނީ މެދުކެނޑުމެއްނެތި ގެއްލުން ލިބެމުން ކަމަށެވެ. މިގޮތުން ހިމާޔަތް ކުރެވިފައިވާ ގަސްގަހާގެހި، މަސްމަހާމެހި އަދި އެކި ބާވަތްތަކުގެ ދޫނި ސޫފާސޫފީގެ ގެދޮރު ތާއަބަދަށް ގެއްލި ދިޔުމުގެ ބިރު ވަނީ ކުރިމަތި ވެފައި ކަމަށެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުޅުދުއްފުށީ ކުޅީގެ ހާލަތު މިހާ ނާޒުކު ފައްތަރަކަށް ވައްޓާލާފައި ވަނިކޮށް އެއާޕޯޓް ހެދުމުގެ ނަމުގައި 18ގެ އެއްގެ އާއިލާތައް، އުޅޭނެ ގޮތެއް ދެއްކުމަކާއި ނުލާ މަގުމަތި ކޮށްލުމަށް ކުއްލިއަކަށް އެންގި އެންގުމަކީ ތަރައްގީގެ ނަމުގައި އެތައް ބައެއްގެ ބޯހިޔާވަހި ކަމުގެ ހައްގަށް އަރައިގަތުން ކަމަށެވެ. މިފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާ އިރު އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މަތި ކޮށްފައިވާ މިނިވަން މުއައްސަސާ ކަމަށްވާ ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް އިން ހަނު ތިބުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެެއެވެ. އެހެން ކަމުން މި އާއިލާތަކަށް ލިބެންޖެހޭ ހައްގު ބަދަލު ހޯދައިދިނުމަށް ތެދުވުމަށް ކަމާބެހޭ މުއައްސަސާތަކަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

މި ކުޅި އަދި ފާ ޗަސްބިން ތަކަކީ ދިވެހިންގެ ދިރިއުޅުމާއި ތިމާވެއްޓަށް މުހިއްމު ތަންތަންކަން ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުޅިތަކާއި ޗަސްބިން ތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ޕްރޮޖެކްޓްތައް ހިންގަމުންދާ އިރު ކުޅުދުއްފުށީގެ ކުޅީގެ ބާކީ އޮތްބަޔަށް އަޅާނުލާ ދޫކޮށްލުމަކީ ކުޅުދުއްފުއްޓާއި އުތުރުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އޮތް މުހިއްމު ގައުމީ ގުދުރަތީ ތަރިއަށް ދައުލަތުން މަވުންދާ ބޮޑު އިހުމާލެއް ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ގާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި ތިމާވެށި ރައްކާތެރި ކުރުމަށް ހެދިފައި ހުރި ގާނޫނު ތަކާއި ގަވާއިދު ތަކުގެ ދަށުން ދައުލަށް މަތިކޮށްފައިވާ ތިމާވެށި ހިމާޔަތް ކުރުމުގެ އަސާސީ ޒިންމާއާއި ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ. މިގޮތުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ މައްޗަށް ބާރުފޯރުވާ ކުޅި ހިއްކުމުގެ ހުއްދަ އެންވަޔަރަމަންޓް މިނިސްޓަރ ތާރިގް އިބްރާހީމް އަމިއްލައަށް ދީފައި ވުމަކީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި ރާއްޖޭގެ ތިމާވެއްޓަށް އަމާނާތްތެރި ވުމުގެ ގާނޫނީ ޒިންމާއިން އެކަހެރިވެ، މަސްލަހަތު ފުށުއަރާ ފަދަ ގޮތަކަށް ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއްކަމަށް ޖަމިއްޔާތަކުން ފާހަގަ ކޮށްފައިވެއެވެ.

މި މަޝްރޫއު އަކީ ފެށުނުއްސުރެ ވެސް ގޯހުން ގޯހަށް ހިނގަމުންދާ މަޝްރޫއުއަކަށް ވީހިނދު، ދައުލަތުން ރާއްޖޭގެ މި ގުދުރަތީ ތަރިކަ އެއްކޮށް ނެތިކޮށްލިޔަ ނުދޭނެކަން ޔަގީން ކުރުމަށްޓަކާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއިން ކުރަންވާ ވަރަށް އެއްވެސް ކަމެއް ކޮށްފައި ނުވުމަކީ، ކުޅީގެ ހާލަތު މިހާ ނާޒުކު ފައްތަރަކަށް ވައްޓާލުމަށް އެހީތެރިވެދިން އެއް ސަބަބު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ތިމާވެއްޓާއި ގުޅުންހުރި މަޝްރޫއު ތައް ހިނގަމުންދާ އިރު، ކަމާއި ގުޅުންހުރި ގަވާއިދު ތަކާއި ހެދިފައިވާ އީއައިއޭ އަދި އެ ޕްރޮޖެކްޓްގެ ޑެސިޝަން ސްޓޭޓްމަންޓްގައި ކުރުން ލާޒިމު ކޮށްފައިވާ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތާތޯ ބަލާ، އެކަންކަމަށް ހުރުމަތްތެރިކޮށް ހިތަމުން ނުދާނަމަ، ފިޔަވަޅު އެޅުމަކީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ނަމުގައި އޭޖެންސީއެއް ހިންގުމުގެ ބޭނުމާއިމެދު ވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އެހެން ކަމުން ކުޅުދުއްފުށީގެ ކުޅީގެ ބާކީއޮތްބައި ހިމާޔަތް ކުރަން ކަމާބެހޭ ދައުލަތުގެ އެންމެހާ މުއައްސަސާތަކުން މިހާރުން މިހާރަށް މަސައްކަތް ފެށުމަށް ގުޅިފައިވާ އެ ޖަމިއްޔާތަކުން ވަނީ އަޑުހަރުކޮށް ގޮވާލާކަމަށް ބުނެފައެެވެ. މިކަމަކީ ދައުލަތުގެ ހުރިހާ އިދާރާއަކަށް ގާނޫނީ ގޮތުން ލާޒިމުކުރާ ކަމެއްކަމުގައި ވެސް އެ ފަރާތްތަކުން ވަނީ ހަނދާންކޮށްދީފައެވެ. މިކަމަށް އިހުމާލު ވުމަކީ މިކަމުގައި ޝާމިލްވާ ހުރިހާ އިދާރާއަކަށް ގާނޫނީ ގޮތުން ލާޒިމު ކުރާ ކަމެއް ކަމުގައި ވެސް ވަނީ ހަނދާންކޮށްދީފައެވެ. މިކަމުގައި އިހުމާލުވުމަކީ މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކުށެއް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ހަނދާންކޮށްދީފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ސޮއިކޮށް ބަލައިގަނެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ޚިލާފަށް އެތައް ކަމެއް ތަކުރާރުކޮށް ސަރުކާރުން ކުރަމުން ގެންދާތީ އެކަންކަން އެ ޖަމިއްޔާތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަންކަން ހުއްޓުމަށް ވެސް ވަނީ ސަރުކާރަށް ގޮވާލާފައެވެ. ވަކިން ހާއްސަކޮށް ރިއޯ ޑިކްލެރޭޝަން އޮން އެވަޔަރަމަންޓް އެންޑް ސަސްޓެއިނަބުލް ޑިވެލޮޕްމަންޓް(1992) ގެ 15 ވަނަ މާއްދާ ކަމަށްވާ "ޕްރިކޯޝަނަރީ ޕްްރިންސިޕަލް" ސަރުކާރަށް ވަނީ ޖަމީއްޔާ ތަކުން ހަނދާން ކޮށް ދީފައެވެ. އަދި އިއާދަ ނުކުރެވޭ ގެއްލުމެއް ތިމާވެއްޓަށް ލިބިދާނެ ފަދަ ހާލަތެއްގައި، ސައިންސްގެ ފުރިހަމަ ޔަގީންކަން ލިބިފައި ނެތްކަމަށް ބުނެ ތިމާވެށީގެ ކުށްތަކަށް އަރައިގަނެ އެކަންކަމުން ބަރީއަވުމަށް މަސައްކަތް ނުކުރެވޭނެ ކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.