Last Updated: November 23, 20:04
Saturday, November 23, 2024
ޚަބަރު

އައްޑޫގެ ހޮސްޕިޓަލް ވައުދު ނުފުއްދި، އެންމެ ފަހުން 2018ގެ ވައުދަކަށް!

ރައީސް ޔާމީން، ފޮޓޯ: މިހާރު

އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމްކޮށްދެއްވާނެ ކަމުގެ ވައުދަކީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ވައުދު ފުއްދިފައެއް ނުވެއެވެ.

އައްޑޫގައި ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިމާއި ފައިސާ ހަމަޖެހިފައިވަނިކޮށް ޙަރަދުކުޑަކުރުމަށް ކަމަށް ބުނެ އައްޑޫގައި ހުރި އެންމެ ރީތި ބިނާ އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. 18 މަސް ދުވަހުން ނިންމަން ބުނި މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި ވާއިރު އެންމެ ފަހުން ނެރުނު 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ވެސް އެ ވައުދު ވަނީ ހިމަނާފައެވެ.

ޕްރޮގްރެސް ޝެއާޑް ނަމުގައި ޕީޕީއެމުން ރޭ ނެރުނު މެނިފެސްޓޯގައި ބުނެފައިވާގޮތުން އެ ޕާޓީގެ ވެރިކަމެއްގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލަކަށް ބަދަލުކުރާނެއެވެ.

2013 ވަނަ އަހަރު ޕީޕީއެމުން ނެރުނު މެނިފެސްޓޯގައި ވެސް، އަތޮޅުތެރޭގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ޓާޝިއަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީ ކުރާ ވާހަކަ ބުނެފައިވެއެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް އެކަން ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމްކުރުމަށް ކަމަށް ބުނެ އީސީސީ އަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް އެތަނަށް ބޭނުންވާ އެއްވެސް މެޝިނަރީޒް އެއް ގަތުމުގެ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ.

ހޮސްޕިޓަލުގެ މަސައްކަތް ނިމިފައި ނުވިޔަސް އެކަން ނިމިފައިވާކަން ދެއްކުމަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ދަނީ ޑޮކިއުމެންޓަރީ އެއް ތައްޔާރު ކުރަމުންނެވެ. އެގޮތުން އެ ޑޮކިއުމެންޓަރީގައި ހިމެނުމަށް ހޮސްޕިޓަލުގެ ރޫމެއް ތައްޔާރުކުރުމަށް ވެސް އެނދުތަކާއި ބައެއް މެޝިނަރީޒް ގެންދިޔައީ އައްޑޫގައި ހުރި ސިއްހީ މަރުކަޒުތަކާއި ހިތަދޫ ހޮސްޕިޓަލުންނެވެ.