(މެއި 11، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ހައިރާންކަންމަތީ ކަނުލާ އަޑު އަހައިގެން ސާހިލް އިނެވެ. މި ބަސްތަކަކީ ސާހިލް އަށް އާ ބަސްތަކެއް ނޫނެވެ. މިއީ އޭނާގެ ސާރާ އަށް އޭނާ އިރުއަރާ މަންޒަރު ސިފަކޮށް ދިން އިރު ބޭނުން ކުރި ބަސްތަކެވެ. ވީއިރު މަލްހާ އަށް އެ ބަސްތައް އެނގުނީ ކީއްވެ ހެއްޔެވެ؟. ނޭގޭނެ އޭ ބުނާކަށް ނުވާނެ އެވެ. އިރު އަރަނީ ހަމަ އެއްގޮތަކަށް ވިއްޔާ އެވެ. ފާޅު ވާނީ ހަމަ އެއް ކުލަތަކެކެވެ. ސާހިލް އަށް ހީވީ އޭނާގެ ލޮލުން އިރު އަރާ މަންޒަރު ފެނުނު ހެންނެވެ.
"މިއަދު މަލްހާ ހުރީމަ ވަރަށް އުފާވެއްޖެ. އެހެން ނޫން ނަމަ ވިއާމާ ދުވަހަކު ވެސް އަހަރެން ގޮވައިގެން މިކަހަލަ ތަނަކަށް ނާންނާނެ. ހުރިހާ ވެސް ޝުކުރެއް ހައްޤު ކުއްޖަކީ ތީ." ސާހިލް ފުން ނޭވާއެއްލަމުން ބުނެލި އެވެ.
އޭނާ ބޭނުން ވަނީ މިވަ ގުތު އެތަނުން ތެދުވާށެވެ. ވީހާ ދުރަށް ދާށެވެ. ސާރާގެ ހަނދާންތައް އޭނާގެ ވަށާލަނީ އެވެ. މަލްހާ ކަނޑައެޅިގެން އޭނާގެ ޒަޙަމްތައް ބޮޑު ކުރާ ކަހަލަ އެވެ.
"ތެދެއް…މަށަކީ ތި ދެ މީހުން ކަހަލަ ޝާއިރަކީމެއް ނޫން. ވީ އިރު މިކަހަލަ ކަންތަކަށް ޝައުޤުވެރިއެއް ވެސް ނޫން." ވިއާމާ މޫދަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލި އެވެ.
އެވަގުތު ހެދިކާ ތަށްޓެއް ހިފައިގެން ވިއާމާމެން ގޭގައި އުޅޭ ކުއްޖަކު އައިސް ދިނެވެ.
"އަން ވިއާމާ ދައްތާ މިހިރީ މަންމަ ފޮނުވި ހެދިކާ." ޝާހިދާގެ އަޑަށް ސިހިފައި މަލްހާ އާއި ސާހިލް އެކުގައި އެނބުރިލި އެވެ.
"ގެނޭ. ދެން ދޭ" ހެދިކާ ތަށި އަތުލަމުން ވިއާމާ ޝާހިދާ ފޮނުވާލި އެވެ. އަދި ސާހިލްމެންނާ ދިމާއަށް އެނބުރިލި އެވެ.
"ހެދިކާ ކާންވީނު." ވިއާމާގެ އަޑު އެ ދެ މީހުންނަށް ނީވުނީ ކަހަލަ އެވެ. ދެ މީހުން ވެސް ޙިޔާލަކަށް ގެއްލިފައި ވިއާމާ އާ ދިމާއަށް އެނބުރިގެން ތިއްބެވެ.
ސާރާގެ ހަނދާނަށް އަންނަމުން ދިޔައީ މީގެ 10 ވަރަކަށް އަހަރު ކުރީގެ ހަނދާނެކެވެ. މަރިޔަންފުޅު ހެދިކާ ހިފައިގެން އޭނާ އާއި ސޫރަޖް ކައިރި އަށް އައި ދުވަހުގެ ހަނދާނެވެ. ސާރާގެ ލޮލުން ހުރީ ކަރުނަ ފާއްދާލާފަ އެވެ. ހަމަ އެގޮތަށް ސާހިލްގެ ލޯ ވެސް ވަނީ ތެމިފަ އެވެ. ވިއާމާ ވާނުވާ ނޭނގި ދެ މީހުންގެ މޫނަށް ދެ ފަހަރަށް ބަލާލި އެވެ.
"ކިހިނެއްވީ…އުންމީދެއް އޮތުމަކީ ގޯހެއްތަ؟" ކުއްލިއަކަށް ސާހިލް މި ބުނި އެއްޗަކުން ސިހިފަި ސާރާ ސާހިލްގެ މޫނަށް ބަލާލި އެވެ.
"ތި ބުނީ ކީކޭ؟" ސާރާ ހާސްވެފައި ސުވާލު ކުރި އެވެ. ފަހަކަށް އައިސް ސާހިލް ބުނެލާ ބަސްތަކުން ކުރިމަތީ ހުރީ ސާހިލެއް ނޫނޭ ސޫރަޖް އޭ ވެސް އޭނާގެ ހިތަށް އަރަ އެވެ. އެހެނަސް އޭނާ ސޫރަޖް ނުދެކެ އެވެ. ސޫރަޖް ވަނީ މީގެ އަހަރުތަކެއް ކުރިން ގެއްލިފަ އެވެ.
"މި ބުނީ ހެދިކާކޮޅެއް ލިބޭތޯ ކުރި އުއްމީދެއްގެ ވާހަކަ." ހަމަޖެހިލަން މަސައްކަތް ކުރަމުން ސާހިލް ބުނެލި އެވެ. އަދި މޫދާ ދިމާއަށް އެނބުރުނެވެ. އަދި އޭނާގެ ލޮލުން އައިސް ހުރި ކަރުނަ ފޮހެލި އެވެ.
ސާރާ އަށް ރީތިކޮށް މި މަންޒަރު ފެނުނެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލީ ކީއްވެ ހެއްޔެވެ؟ ސީދާ އޭނާގެ ސޫރަޖް ބޭނުން ކުރި ޖުމްލަ ސާހިލް އަށް ބުނަ އެނގުނީ ކިހިނެއް ހެއްޔެވެ؟ ސާރާ ހިތުގައި ސުވާލު އުފެދުނެވެ.
"އެހެންތަ…ކުރިން ނުބުނީ ކީއްވެ؟ އެހެން ނަމަ ތަންކޮޅެއް ކުރިން ގެނެވުނީހޭ." ވިއާމާ ބުނެލި އެވެ. ވިއާމާ އާއި ސާހިލް ވާހަކަ ދެއްކި އިރު ސާރާ އިނީ ވަރަށް ހިމޭނުންނެވެ.
"މަލް…ކިހިނެއްވީ؟ މާ ހިމޭނުން ތިއިނީ ކިހިނެއްވީ؟" ވިއާމާ ސާރާ ތަޅުވައިގަންނަމުން އަހާލި އެވެ.
"ކޮބާ ދެން ދަމާ ހިނގާ." ސާރާ ތެދުވަމުން ބުނެލި އެވެ.
ތިން މީހުން ހިމޭންކަމާ އެކު ގެއާ ދިމާއަށް ހިނގައިގަތެވެ. ގެއަށް ދިޔަ މަގުމަތީ ސާރާ ހުރީ ސާހިލް ކައިރީގަ އެވެ. ވިއާމާ ހުރީ ތަންކޮޅެއް ކުރީގަ އެވެ. އެ ވަގުތު ސާހިލް އެތާ ހުރި ގަސް ބުނޑެއްގައި އަޅައިގަނެފަ ވެއްޓެން އުޅުނެވެ. ވަރަށް ހުޝިޔާރުކަމާ އެކު ސާރާ ސާހިލް ހިފެހެއްޓިއެ ވެ.
"ޝުކުރީއްޔާ." ސާހިލް ޝުކުރު އަދާ ކުރި އެވެ. އެކަމަކު އޭގެ ފަހުން ގެއަށް ދެވެންދެން ސާހިލް މަލްހާގެ އަތުން ދޫކޮށް ނުލަ އެވެ. ސާރާ އަށް ވަރަށް އުފާވެރި އިހްސާސެއް މިކަމުން ލިބުނެވެ. ގެއަށް ވަދެވުމާ އެކު ގަދަކަމުން ކަހަލަ ގޮތަކަށް ސާރާ ސާހިލްގެ އަތުން ދޫކުރުވި އެވެ.
"މި ހިސާބަށް ވެސް އެހީވެދިނީތީ ޝުކުރުވެރިވަން." ސާހިލް ސާރާ އަށް ޝުކުރު އަދާ ކުރި އެވެ.
މުރާދު އިންޑިޔަން އެއާލައިންސްގެ ފަސިންޖަރުންނާ އެކު ވަށައިގެން ހޯދަމުން ދިއައީ އަދި ފުރަން ކަނޑައެޅިފައިވާ ވަގުތު ނުޖެހޭތީ އެވެ. އެއް ފާރާތެއްގެ ހުރި ގޮނޑިއެއްގައި އޭނާ އިށީނދެ ލޯ މަރާލި އެވެ. މަންމަގެ ކަރުނައިން ފުރިފައިވާ ލޯ އޭނާގެ ކުރިމައްޗަށް އަ އެވެ. އޭނާ އާ އެކު އެއާޕޯޓަށް މަންމަ އާއި ބައްޕަ އަދި އާދިލު ވެސް އަ އެވެ.
"ދަރިފުޅާ…ދެވުމާއެކު ޙަބަރު ކުރާތި އިނގޭ. ސިޓީ ވެސް ލިޔާތި އިނގޭ." ހުސްނާ ކަރުނަ ވީ އަޑަކުން މުރާދު ކައިރީ ބުނެލި އެވެ.
"އެކުސްކިޔުޒް މީ." އަންހެން ކުއްޖެއްގެ އަޑުން މުރާދު ސިހިފައި އޭނާގެ ޙިޔާލީ ވާފަށުން ނިކުތެވެ. ރީތި އަންހެން ކުއްޖަކު ކުރިމަތީ ހުރެގެން ކޮންމެވެސް އެއްޗެކޭ ކިޔަނީ އެވެ. އެކަމަކު އޭނާގެ ބަހުރުވަ ތަފާތެވެ.
"ވަޓް…ކީކޭ؟" މުރާދު ކޮޑަކޮށް ހަމަޖެހިލަމުން އެ ކުއްޖާ އާ ދިމާއަށް ބަލާލި އެވެ.
"އަހަރެން މި ބުނީ ކަލޭ ތި ހިފަހައްޓައިގެން އިނީ އަޅުގަނޑުގެ ދަބަހުގައޭ. އުނދަގޫ ކަމަކަށް ނުވާ ނަމަ އަޅުގަނޑުގެ ދަބަސް އަޅުގަޑަށް ދެއްވާ."
"ދެން ކުރިން ވެސް ތި ވާހަކަ ދިވެހި ބަހުން ބުނެވި ދާނެ ދޯ؟" މުރާދު އޭނާގެ ކައިރީގައި ހުރި ދަބަހުން އަތް ނަގަމުން ބުނެލި އެވެ.
"އަސްލު އަހަރެން ހީކުރީ ތިޔައީ އިންޑިޔާ މީހެއް ކަމަށް. ދިވެހިން ވަރަށް އެކަނި ނާދޭވީއްޔާ. އޯކޭ ޝުކުރީއްޔާ." އެ އަންހެން ކުއްޖާ ދަބަސް ނަގަމުން ބުނެލި އެވެ.
މުރާދު އިތުރު އެއްޗެކޭ ނުބުނެ އެވެ. އެ ވަގުތު ފުލައިޓަށް އަރަން އެނައުންސް ކުރި ގަޑި ކަމަށްވުމާ އެކު އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް އެ އަންހެން ކުއްޖާއަކަށް ވެސް ނުލިބުނެވެ. ކުރިއަށް ގޮސް ގޮސް ތިބި ފަސިންޖަރުންނާ އެކު އެ ދެ މީހުން ވެސް ހިނގައިގަތީ އެވެ.
"އޭއި މީރާ…މީރާ.. މަޑުކޮށްބަލަ."
(ނުނިމޭ)