ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ވެލެންސިއާ އާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗުގައި ޔުވެންޓަސް އާ ދާދިފަހުން ގުޅުނު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތްކާޑު ދެއްކި ނަމަވެސް އެޓީމު މޮޅުވެއްޖެއެވެ.
ޔުވެންޓަސް އިން މިމެޗު 2-0 އިން ކާމިޔާބުކުރިއިރު އެޓީމުގެ ދެލަނޑުވެސް ޖަހައިދިނީ ބޮސްނިއާ އެންޑް ހާޒެގޮވީނާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް އެވެ.
ވެލެންސިއާގެ ދަނޑުގައި ކުޅުނު މިމެޗުގެ ކުރީކޮޅު، ޔުވެންޓަސްގެ ރޮނާލްޑޯ އާއި މާރިއޯ މަންޒުކިޗް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާތައް ގޯލްގެ ދަނޑިކައިރިން ދިޔައިރު އެޓީމުގެ ފެޑެރީކޯ ބާނަޑެސްކީ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ވެލެންސިއާގެ ގޯލްކީޕަރު ނެޓޯ މަތަކޮށްފައިވެއެވެ.
މެޗުގެ 23 ވަނަ މިނެޓުގައި ޔުވެންޓަސްގެ މިޑްފީލްޑަރު ސާމީ ކެދީރާ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ބަދަލުކޮށްފައިވެއެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ އެމްރޭ ޗޭން އެވެ.
ފުރަތަމަ ހާފުގެ 29 ވަނަ މިނިޓްގައި ޔުވެންޓަސްގެ ރޮނާލްޑޯ އަށް ސީދާ ރަތް ކާޑެއް ދައްކާފައިވެއެވެ. ޕެނަލްޓީއޭރިއާ ތެރެއިން ވެލެންސިއާގެ ޖެއިސަން މުރީއޯ އާއި ރޮނާލްޑޯ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މުރީއޯ ވެއްޓުނު ވަގުތު އޭނާ ބޮލުގައި ރޮނާލްޑޯ އަތްލުމުން މެޗުގެ ރެފްރީ ނިންމީ ގޯލުގެ ރޮނގު ކައިރީގައި ހުންނަ އޮފިޝަލުގެ ލަފާ ހޯދުމަށް ފަހު އެވެ. އެއަށްފަހު، ރޮނާލްޑޯ ރަތް ކާޑު ދެއްުކުމުން އޭނާ ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ.
އޭގެފަހުން، ވެލެންސިއާގެ މިޗީ ބަޓްޝުއާޔީ އަށް ލިބުނު ފުރުޞަތެއްގައި އޭނާ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ގޯލްކީޕަރު ވޮޝިއެޒް ޝެޒްނީ މަތަކުރިއިރު ޔުވެންޓަސްގެ ފުލްބެކް ޖޮއާއޯ ކަންސޭލޯ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ނޭޓޯ ވަނީ މަތަކޮށްފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޔުވެންޓަސް އަށް ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ޕިޔަނިޗެވެ. މިއީ އެޓީމުގެ ކަންސޭލޯ އަށް ވެލެންސިއާގެ ޑެނިއަލް ޕަރޭހޯ ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ވެލެންސިއާގެ ރޮޑްރިގޯ މޮރޭނޯ އަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. އެޓީމުގެ ހޯސޭ ގާޔާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ އޭނާ ބޮލުން ފޮނުވާލުމުން ޔުވެންޓަސްގެ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ޔުވެންޓަސް އަށް ދެވަނަ ޕެނަލްޓީއެއް ލިބުމުން ޕިޔަނިޗް ވަނީ އެޓީމުގެ ލީޑުފުޅާކޮށްދީފައެވެ. މިއީ ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޫޗީ އަށް ވެލެންސިއާގެ މުރީއޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ވެލެންސިއާ އަށް ވެސް ޕެނަލްޓީ އެއް ލިބުނެވެ. ނަމަވެސް، އެޓީމުގެ ކެޕްޓަން ޕަރޭހޯ ފޮނުވާލި ބޯޅަ ޔުވެންޓަސް ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް އީ ގައި ބެންފީކާ އަތުން ބަޔާން މިއުނިކް 2-0 އިން މޮޅުވިއިރު މިގްރޫޕުގައި ހިމެނޭ އަޔެކްސް ވަނީ 3-0 ގެ ނަތީޖާއަކުން އޭއީކޭ އެތެންސް އަތުން މޮޅުވެފައެވެ. ގްރޫޕް އެފް ގައި ޝަކްތަރު ޑޮނެސްކް އާ ހޮފެންހައިމް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.