ކޮރަޕްޝަނުގެ ކުށް ސާބިތުވެ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒު ޝަރީފާއި އޭނާގެ ދަރިކަނބަލުން މަރިޔަމް ޝަރީފްގެ ހުކުމް ތަންފީޒު ކުރުން މަޑު ޖައްސާލުމަށް ކޯޓުން ކުރި އަމުރާއެކު ދެބޭފުޅުންވެސް މިނިވަން ވެއްޖެއެވެ.
ނަވާޒު ޝަރީފާއި ދަރިކަނބަލުން މަރިޔަމް ޝަރީފަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ލަންޑަނުން ނުއަގުގައި އެޕާޓްމަންޓް ބައްލަވައިގަތް މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ސާބިތުވުމުންނެވެ. މިމައްސަލަ ސާބިތުވެ ނަވާޒު ޝަރީފާއި މަރިޔަމް ޖަލުގައި ހުކުމް ތަންފީޒު ކުރެއްވީ އެންމެ ދެމަސް ދުވަހަށެވެ.
އޭނާގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމުން ޕާކިސްތާނު ކޯޓަކުން ވަނީ އެ މައްސަލަ ބަލައި ނަވާޒު ޝަރީފާއި މަރިޔަމްއަށް ލުޔެއް ދީފައެވެ. ނަވާޒާއި މަރިޔަމް މިނިވަން ކޮށްފައިވަނީ ނަވާޒުގެ އަނބިކަނބަލުން ކުލްސޫމް ނަވާޒް ޝަރީފް ކެންސަރުގެ އާލާސްކަންފުޅުގައި ނިޔާވިތާ ހަފްތާއެއް ވެފައިވަނިކޮށެވެ.