Last Updated: November 27, 01:11
Tuesday, November 26, 2024
ކުޅިވަރު

ރޯމާ އަތުން ރެއާލަށް ފަސޭހަ މޮޅެއް

ރޯމާ ކޮޅަށް ރެއާލްގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު އިސްކޯ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ވޭތުވެދިޔަ ތިން އަހަރު ހޯދައިފައިވާ ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ރޯމާ އަތުން ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ. ރެއާލް މިމެޗުން މޮޅުވީ 3-0 އިންނެވެ.

ގްރޫޕް ޖީ ގައި ހިމެނޭ މި ދެޓީމު ރެއާލްގެ ސަންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މި މެޗުގައި، ރެއާލްގެ ފަރާތުން ރީތި އަދި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިހާފުގެ އެންމެފަހު މިނެޓުގައި އެޓީމަށް ލީޑްނަގައިދިނީ ލިބުނު ހިލޭޖެހުމަކުން ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު އިސްކޯ އެވެ. މިއީ ރެއާލްގެ އިސްކޯ އަށް ރޯމާގެ މިޑްފީލްޑަރު ޑެނިއެލީ ޑި ރޮސީ ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުމެކެވެ. މިއީ ޗެމްޕިއަންސް ލީގުގައި އިސްކޯ ކާމިޔާބުކުރި 8 ވަނަ ގޯލެވެ.

އެއް ގޯލުގެ ލީޑަކާއެކު މިމެޗުގެ ފުރަތަމަ ހާފް ރެއާލް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ރޯމާގެ ޗެންގީޒް އުންޑާ އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބިފައެވެ. އެޓީމުގެ ފޯވާޑް އެޑިން ޖެކޯ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ފޮނުވާލި ބޯޅަ ރެއާލްގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ރެއާލް އިން ގޯލްޖަހާނެ އިތުރު ފުރުސަތުތައް ދިޔައީ ތަނަވަސްކުރަމުންނެވެ. އެގޮތުން، މެޗުގެ 55 ވަނަ މިނެޓުގައި އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ފޮނުވާލި ހަމަލާ ރޯމާގެ ގޯލްކީޕަރު ރޮބިން އޯލްސެން މަތަކުރިއިރު ރެއާލް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި އޭގެ ތިން މިނެޓުފަހުން، ގަރެތް ބޭލް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބޭލް ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.

އޭގެފަހުން، ރެއާލްގެ ލީޑް ފުޅާކުރުމަށް އެޓީމުގެ ޓޯނީ ކްރޫޒް އާއި މޮޑްރިޗަށް ލިބުނު ފުރުޞަތުގައި އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް ރޯމާގެ ކީޕަރު އޯލްސެން އެވެ.

މެޗު ނިމެން ދެމިނެޓަށްވެފައިވަނިކޮށް، ރޯމާގެ ފޯވާޑް ޖެކޯ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ މިމެޗުގައި މޮޅުކުޅުމެއް ދެއްކި ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ.

ރެއާލްގެ ފަހު ލަނޑު، މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފުލްބެކް މާސެލޯ ތަނަވަސްކުރި ފުރުޞަތަކުން ޒުވާން ފޯވާޑް މަރިއާނޯ ޑިއާޒް އެވެ. މިއީ ފްރާންސްގެ އޮލިމްޕިކް ލިޔޯން ދޫކޮށް ރެއާލަށް ބަދަލުވެ އޭނާ ކުޅުނު ފުރަތަމަ މެޗުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ގްރޫޕް ޖީ ގައި ރެއާލްގެ އިތުރުން ދެން ހިމެނޭ ދެޓީމުކަމަށްވާ ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އާއި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.