Last Updated: November 24, 23:51
Sunday, November 24, 2024
ރިޕޯޓް

ޖިނާއީ ކުށްތަކުން ކުޑަކުދިން ދުރު ކުރުން މުހިއްމު!

ނޯޓް: މިއީ މި މަހުގެ 10 ވަނަ ދުވަހު ފާހަގަ ކުރި ކުޑަ ކުދިންގެ ދުވަހާ ދިމާކޮށް ފުލުހުންގެ ވެބް ސައިޓްގައި "ޖިނާއީ ކުށްތަކުން ކުޑަކުދިން ދުރު ކުރުމަށް ހުރިހާ ފަރާތަކުން ގުޅިގެން މަސައްކަތް ކުރުން މުހިއްމު" ގެ ނަމުގައި ގެނެސް ދީފައިވާ ލިއުމެކެވެ.

މި ލިއުމުގައި ރާއްޖޭގެ ކުޑަ ކުދިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ވަރަށް ބޮޑަށް އަލި އަޅުވާލާފައިވެ އެވެ.
———————————————————————–

ކޮންމެ މުޖުތަމައެއްގައި ވެސް ކުޑަކުދިންނަކީ އެމުޖުތަމައެއްގެ ކޮންމެ ފަރުދެއްގެ ލޯބި ލިބިފައިވާ އެ ބަޔަކާ މެދު ވަރަށް އިސްކަންދޭ ބައެކެވެ.
އެ މުޖުތަމަޢެއްގެ އެންމެ ބޮޑު ރައުސުލްމާލުވެސް މެއެވެ. މިހެންކަމުން ކޮންމެ މުޖުތަމަޢެއްގެ ބަޔަކު ވެސް އެތަނެއްގަައި ދިރިއުޅޭ ކުޑަކުދިންނަށް އަދި އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދެ އެވެ.

މި ލޮބުވެތި ދިވެހި ރާއްޖެއަކީވެސް ދިވެހި ކުޑަކުދިންނާ މެދު ޚާއްޞަ ނަޒަރަކުން ދެކި، އެ ކުދިންނަށް ޚާއްޞަ ރައްކާތެރިކަމެއް ދެ މުން އައި އަދި އަންނަ ބައެކެވެ.
ނަމަވެސް ހިތާމައާއެކު ދަންނަވަންޖެހެނީ މަދުންނަމަވެސް މިރީތި އާދަ ދިވެހިންގެ ތެރެއިން ނެތި ގޮސް ދިވެހިން، ދިވެހި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް ޢަމަލުތައް ބަހައްޓަމުން ދާ ކަމަށެވެ. ކުޑަކުދިން ލައްވައި ޖިނާޢީ ކުށްތައް ކުރުވާކަމެވެ. ޚާއްޞަ ގޮތެއްގައި ފަހަކަށް އައިސް މިފަދަ ޢަމަލުތައް އިތުރުވުން ގިނަކަން ފާހަގަ ކުރެވެ އެވެ.

ފާއިތުވި އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާ އިރު ތޫނު ހަތިޔާރު ބޭނުންކޮށްގެން ރާއްޖޭގައި ހިންގާފައިވާ މާރާމާރީ ތަކާއި މަރުގެ މައްސަލަތަކުގައިވެސް ކުޑަކުދިން ބައިވެރިކޮށްފައިވާކަން އެނގެ އެވެ.

މިގޮތުން ދ. ކުޑަހުވަދޫ އައްޔުބޭގެ މަރުގެ ޙާދިސާގައި 4 ކުއްޖެއްގެ މެއްޗަށް ތުހުމަތު ކުރެވި 2 ކުއްޖަކު ތަޙުޤީޤުގައި ކުށަށް އިޢުތިރާފުވެފައި ވެ އެވެ.

ގ. ވޭރު ޢަބްދުލްމުޙީޠު މަރާލި މައްސަލައިގައި 3 ކުއްޖެއްގެ މައްޗަށް ތުހުމަތު ކުރެވުނުއިރު އޭގެ ތެރެއިން 2 ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ އެދެކުދިން މެރުމަށް ވަނީ ޙުކުމްވެސް ކޮށްފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖުލީހުގެ އުނގުފާރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރުގެ ގޮތުގައި ހުންނެވި ދީނީ ޢިލްމުވެރިޔާ ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ މައްސަލައިގައިވެސް ކުޑަކުދިން ބައިވެރިކޮށްފައިވާކަން ތުޙުމަތުކޮށް އެ ކުދިންގެ މައްޗަށް ވަނީ ތަޙުޤީޤު ހިންގާފަ އެވެ.

މި މުޖުތަމައުގައި ހުރި މިފަދަ ނޭދެވޭ މައްސަލަތަކަށް ބަލާ އިރު ރޭވިގެން ހިންގާ މާރާ މާރީއާއި އެ ނޫން ވެސް ޖިނާޢީ ބައެއް ކުށްތައް ކުރުމުގައި ކުޑަކުދިން ބައިވެރި ކުރާކަން ފާހަގަ ކުރެވެ އެވެ.

މިގޮތުން ކުޑަކުދިން ލައްވައި މިފަދަ ކުށްތައް ކުރުވަނީ އެކުދިންނަށް ޤާނޫނީ ގޮތުން ޙުުކުމެއް ނާންނާނެ ކަމަށް އެ ކުދިންނަށް ވިސްނައި ދީގެންކަން ފުލުހުންގެ ތަޙުޤީޤުތަކުން އެނގެ އެވެ. މިއީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެކިއެކި މާރާ މާރީ ތަކުގައާއި މަގުމަތީގައި ހިންގާ ޢާއްމު އިޖުތިމާޢީ މިންގަޑާއި ޚިލާފު ޢަމަލުތައް ކުރުމުގައާއި މަސްތުވާތަކެތި ބޭނުން ކުރުމާއި، އެއްގަމު ދަރުތުފަތުރުގެ ޤާނޫނާއި ޚިލާފު ޢަމަލުތައް ކުރުވުމާއި، ވައްކަމުގެ މައްސަލަތަކުގައި ވެސް ކުޑަކުދިން ބައިވެރިކޮށްފައި ހުންނަކަން ސާބިތުވެ އެވެ.
މިފަދަ ޢަމަލުތައް ހިންގުމަށްފަހު އެ ކުދިންނަށް ކޮންމެވެސް އެއްޗެއްދީ ނުވަތަ އެކުދިން ބޭނުންވާ ކޮންމެވެސް ކަމެއްކޮށްދީ ނުވަތަ ދޭނަމޭބުނެ އެކުދިންމިފަދަ ކުށުގެ ތެރޭގައި ބައިވެރިކުރެއެވެ.

މާރާމާރީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ހާނިކަކުރުމުގެ ޢަމަލުވެސް މި ދިވެހި މުޖުތަމަޢުގައި ދަނީ ހިނގަމުންނެވެ. މިއާ އެކު ކުޑަކުދިންނާއެކު ގަދަކަމުން ބަދުއަޚަލާޤީ ޢަމަލު ހިންގުމުގެ މައްސަލަތައްވެސް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތައް ތަޙުޤީޤުކުރެވޭކަން ފާހަގަ ކުރެވެ އެވެ.

މިފަދަ ބައެއް މައްސަލަތަކަކީ ޢާއިލީ މަޞްލަހަތަށްޓަކައި ނޫންނަމަ އެހެން ގޮތަކުން ނަމަވެސް ފުލުހުންނަށް ހުށަނާޅައި ފޮރުވިފައި ހުރި މައްސަލަތައްކަމަށް ޤަބޫލު ކުރެވެ އެވެ.
ފާއިތުވި އަހަރާއި މިއަހަރު ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ހުތުރު ޢަމަލު ހިންގުމުގެ މައްސަލަތަކަށްވެސް ހުއްޓުމެއް އައިސްފައިނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިއާއެކު ޖިންސީ ޢަމަލުތަކާއި ގުޅޭ ފޮޓޯ އާއި ފިލްމާއި މަންޒަރުތައް ކުޑަކުދިންނަށް ދެއްކުންފަދަ ނާތަހުޒީބު ޢަމަލުތަކާ ގުޅޭ މައްސަލަތައްވެސް ފުލުހުންނަށް ހުށަހަޅައި އެފަދަ މައްސަލަތައް މަދުންނަމަވެސް ބަލަމުންދާކަންވެސް ފާހަގަ ކުރަނީ ޢާއިލާތަކުން މިކަމަށް އިތުރު ސަމާލުކަން ދޭން ޖެހޭކަން ހާމަ ކުރަމުންނެވެ.

ކުޑަކުދިންނާމެދު މުޖުތަމަޢުގައި ހިނގާ އެކިއެކި ކަންތައްތަކަށް ބަލާއިރު ޢާއިލާއަށް ފިލައިގެން ފުލުހުންނަށް ހުށަހަޅައި އެފަދަ ކުދިން ހޯދަން ފުލުހުން އިޢުލާނުކުރަން ޖެހޭ މައްސަލަތައް ވެސް ފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަ ކުރަން ޖެހެ އެވެ.

މިއީ ވެސް ބަޔަކު އެކުދިންލައްވައި ކުރުވާ ކަމެއްކަމުގައި ބެލިދާނެއެވެ. ޢާއިލާއަށް ފިލައިގެން އެކުދިން ގޮސްއުޅޭކަން ފާހަގަ ކުރެވެނީ ބޮޑެތި ބައެއްގެ ގާތުގަ އެވެ. މިފަދަ ކުދިން ޢާއިލާ އަށް ފިލަން ޖެހޭ ސަބަބު ހޯދައި ދެނެގަނެ އެފަދަ ކަންކަން ހުއްޓުވުމަށް ޢާއިލާތަކުން ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމަށް ޤަބޫލު ކުރެވެއެވެ.
ހަމަ އެއާއެކު އެފަދަ ކަމެއް ހިނގާކަން ޢާއްމު ރައްޔިތަކަށް އެނގޭއިރަށް އެކަމެއް ފުލުހުންނަށް ހުށަހަޅައި އެކުއްޖާ ސަލާމަތް ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރަން ޖެހެ އެވެ.

މިއަދު މުޅި ރާއްޖޭގައިވެސް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާއިރު މިއީ ވަރަށް ފުންކޮށް އަދި ފުޅާކޮށް ދިވެހި މުޖުތަމަޢުގެ ކޮންމެ ފަރުދަކު ވިސްނަން ޖެހިފައިވާ ކަމެކެވެ.

ޤައުމުގެ މުސްތަޤުބަލުގެ ޖީލުގެ ގޮތުގައި ތަރުބިއްޔަތުވާންވީ ދަރިން މިދެންނެވި ފަދަ ނޭދެވޭ ޖިނާޢީ ކުށްތަކުގައި ބައިވެރިކުރުމުގެ އިތުރުން، ކުށެއްނެތި އަދި އެކުދިންގެ މާބޮޑު ބާރެއްނެތި އެކުދިންގެ މުޅި މުސްތަޤުބަލް އަނދިރިކަމުގެ ތެރެއަށް ވެއްޓި ދިއުމަކީ އެކަކުވެސް ބޭނުންވާނެ ކަމެއް ނޫނެވެ.

އެހެންކަމުން މިކަންކަމުން އޅުގަނޑުމެންގެ ޅަޖީލު ސަލާމަތް ކުރުމުގެ މަސައްކަތުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަން ވެއްޖެއެވެ. އައު ޢަޒުމަކާއެކުގަ އެވެ. ޤައުމީ ރޫޙެއްގަ އެވެ. ޢާއިލާތަކުން ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ އިތުރުކޮށްގެންނެވެ.

ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ރަނގަޅު ބިންގަލެއް އަޅައިދީ އެކުދިންގެ ޢަޤީދާ ވަރުގަދަކޮށް ޤައުމިއްޔަތުގެ މަތިވެރި ރޫޙު އަށަގަންނުވައިގެންނެވެ. ދައުލަތާއި މިނިވަން މުއައްސަސާތަކުން ކުރާ އިޚްލާޞްތެރި މަސައްކަތްތައް އިތުރުކޮށްގެންނެވެ.
މިފަދަ މައްސަލަތައް ހިންގާ ފަރާތްތަކާމެދު ތަޙުޤީޤުކޮށް ޝަރީޢަތަށް ހުށަހެޅުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ހުރިހާ ފަރާތަކުން ފުރިހަމަ އެއްބާރުލުމެއް ދީގެންނެވެ.

މިކަން ކަމާ މެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ފުލުހުންނާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގައިގެންނެވެ.