މުޅި ރާއްޖެ އެދެނީ ބަދަލަކަށް ކަމަށާއި އަދި ރައްޔިތުން ތިބީ ބަދަލު ގެންނަން ތައްޔާރަށް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެވެ.
ހިތަދޫގައި މިހާރު ކުރިއަށްދާ ކޯލިޝަނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، މުޅި ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދާއި އެކު ރައްޔިތުން ބޭނުންވާ ބަދަލު ގެނެވޭނެ ކަމަށެވެ.
އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އިބޫ ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ޖަލްސާގައި އިބޫ ވަނީ ހިތަދޫ އަދި އައްޑޫއަށް ނިސްބަތްވާ މީހުންގެ މާޒީގައި ހައްޤުތައް ހޯދުމަށް ކުރި މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.