Last Updated: November 27, 01:11
Tuesday, November 26, 2024
ކުޅިވަރު

އާސެނަލް، ޗެލްސީ އަދި މިލާން މޮޅުވިއިރު މާސޭ ބަލިވެއްޖެ

އާސެނަލްގެ ފޯވާޑް ޕިއޭރް އެމެރިކް އޯބާމަޔަން (ވ) ވޯސްކްލާގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. --ފޮޓޯ: ޔޫއެފާ

ޔޫއެފާ ޔުރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން އިނގިރޭސިވިލާތުގެ ދެ ކްލަބުކަމަށްވާ އާސެނަލް އާއި ޗެލްސީ އަދި އިޓަލީގެ އޭސީ މިލާން މޮޅުވިއިރު ފްރާންސްގެ އޮލިމްޕިކް މާސޭ ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ޔޫކްރެއިންގެ ޗެމްޕިއަން ވޯސްކްލާ އަތުން 4-2 އިން އާސެނަލް މޮޅުވިއިރު ޗެލްސީ މޮޅުވީ ރަށުން ބޭރުގައި ގްރީސްގެ ޕީއޭއޯކޭ އަތުން 1-0 އިންނެވެ. އަދި އޭސީ މިލާން ރަށުން ބޭރުގައި ލަގްޒެމްބޯގުގެ ޑުޑްލާންޖް އަތުން 1-0 އިން މޮޅުވިއިރު މާސޭ، އަމިއްލަ ދަނޑުގައި ކުޅެ ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވެއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 32 ވަނަ މިނެޓުގައި އެޓީމުގެ އަލެކްސް އިވޯބީ ތަނަވަސްކުރި ފުރުޞަތަކުން ގެބޯން ފޯވާޑް ޕިއޭރް އެމެރިކް އޯބާމަޔަން ކާމިޔާބުކުރި ގޯލާއެކު، އެއްލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ލަނޑުޖަހައިދިނީ އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް އެވެ. މިއީ އެޓީމުގެ ހެންރިކް މިކިތާރްޔަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 56 ވަނަ މިނެޓުގައި މިކިތާރްޔަން ދިން ބޯޅައަކުން އޯބާމަޔަން ވަނީ އިތުރު ލަނޑެއްޖަހައި އެޓީމަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިއީ އާސެނަލްގެ ދަނޑުގައި މިހާތަނަށް ކުޅުނު 10 މެޗުގައި އޭނާ ކާމިޔާބުކުރި 9 ވަނަ ގޯލެވެ.

އާސެނަލްގެ ހަތަރުވަނަ ލަނޑު، މެޗުގެ 74 ވަނަ މިނެޓުގައި ޖަހައިދިނީ މިހާފުގައި ކުޅެން ނިކުތް މެސުޓު އޮޒިލް އެވެ. މިއީ އެޓީމުގެ ކަނާތު ފުލްބެކް ސްޓެފަން ލީޗްސްޓެއިނާ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މީގެއިތުރުން، މިއީ އޮޒިލް އެންމެފަހުން ކުޅުނު ދެމެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލެވެ.

އޭގެ ތިން މިނެޓު ފަހުން، ވޯސްކްލާގެ ކެޕްޓަން ވޮލޮޑިމީރް ޗެސްނަކޯވް ލަނޑެއްޖަހައި އެޓީމަށް ފަރަގު ކުޑަކޮށްދިންއިރު މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި، އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕަވްލޯ ރެބެނޯކް ތަނަވަސްކުރި ފުރުޞަތަކުން ވިޔަޗެސްލާވް ޝާޕާ އެވެ.

ގްރީސްގައި ޕީއޭއޯކޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލް ޖަހައިދިނީ މެޗު ފެށިގެން ހަތްވަނަ މިނެޓުގައި މިމެޗުގައި އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބްރެޒިލްގެ ވިންގާ ވިލިއަން އެވެ. މުޅި މެޗު ޗެލްސީ އިން ޑޮމިނޭޓްކުރިނަމަވެސް އެޓީމުގެ ލީޑް ފުޅާކުރުމަށް އަލްވާރޯ މޮރާޓާ އާ ޕެޑްރޯ ރޮޑްރިގޭޒް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްވަނީނުވެފައެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ އާދައިގެ ޤައުމެއްކަމަށްވާ ލަގްޒެމްބޯގުގެ ޗެމްޕިއަން ޑުޑްލާންޖް އަތުން މިލާނަށް މޮޅުވެވުނީ ހަމަ ކިރިޔާ އެވެ. މިމެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ގޯލް ފަހު ހާފުގައި ޖަހައިދިނީ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން އެވެ.

މިމުބާރާތުގެ ރޭ ކުޅުނު މެޗުގައި ފްރާންސްގެ މާސޭ އަށް ތިންވަނަ މިނެޓުގައި ލޫކަސް އޮކަމްޕޯސް ލީޑްނަގައދީފައިވަނިކޮށް 10 މީހުންނާއިއެކު ކުޅެމުންދިޔަ ޖަރުމަނުގެ ފްރޭންކްފާޓް އިން ވަނީ ފަހު ހާފުގައި ލޫކަސް ޓޯރޯ އާއި ލޫކާ ޖޮވިޗް ކާމިޔާބުކުރި ދެލަނޑާއެކު، ފަހަތުން އަރައި 2-1 އިން މޮޅުވެފައެވެ.

ޔުރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން 3-2 ގެ ނަތީޖާއަކުން ޖަރުމަނުގެ ބަޔާ ލެވަކޫސަން މޮޅުވިއިރު ސްޕެއިނުގެ ވިޔަރެއާލް އާއި ސްކޮޓްލެންޑުގެ ރޭންޖާސް ކުޅުނު މެޗު 2-2 އިން އެއްވަރުވެފައިވެއެވެ. އަދި ބެލްޖިއަމްގެ ސްޓެންޓަޑް ލީގް އަތުން ސްޕެއިނުގެ ސެވިއްޔާ 5-1 އިން މޮޅުވިއިރު ސްކޮޓްލެންޑްގެ ސެލްޓިކް ވަނީ 1-0 އިން ނޯވޭގެ ރޮސެންބޯގް ބަލިކޮށްފައެވެ. ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބް އަތުން 4-1 އިން ތުރުކީގެ ފެނަބާޗޭ ބަލިވިއިރު އިޓަލީގެ ލާޒިއޯ ވަނީ ސައިޕްރަސްގެ އެޕޮލޮން އަތުން 2-1 އިން މޮޅުވެފަ އެވެ.