އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅެވުނު މެޗުގައި އަމިއްލަ ދަނޑުގައި ސައުތުހެމްޕްޓަން ބަލިކޮށް ލިވަޕޫލުން މިސީޒަނުގައި މިހާތަނަށް ކުޅުނު 7 މެޗުގައި ވިދިވިދިގެން ހޯދީ ހަތްވަނަ މޮޅާއެކު ރެކޯޑެއް ހަދައިފިއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗުގެ 10 ވަނަ މިނެޓުގައި އެޓީމު ލީޑްނެގިއިރު މިއީ ސައުތުހެމްޕްޓަންގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލިވަޕޫލްގެ ވިންގާ ޒެރްދާން ޝަކީރީ ފޮނުވާލި ހަމަލާއެއް ސައުތުހެމްޕްޓަންގެ ޝޭން ލޯންގް ގެ ގައިގައި ޖެހިފައި ގޯލްގެތެރެއަށް ވަނީ ކުރިމަތީގައިހުރި ވެސްލީ ހޫޑް ގައިގައި ޖެހިފައި ބައިކޮޅަށެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ލިވަޕޫލްގެ ފުލްބެކް ޓްރެންޓް އަލެގްޒެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޖޮއެލް މަޓިޕް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
އޭގެފަހުން، ލިވަޕޫލްގެ ލީޑް ފުޅާކުރުމަށް މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ފުރަތަމަ ހާފު ނިމުމުގެ އިތުރުވަގުތުގައި ޒެރްދާން ޝަކީރީ ފޮނުވާލި ހިލޭޖެހުމެއް ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ނިކުތް ވަގުތު ގޯލްގެތެރެއަށް ވައްދާލައިގެން ސަލާހް ވަނީ އެޓީމަށް ތިންލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިހާފު ނިމުނީ 3-0 އިން ލިވަޕޫލް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ލިވަޕޫލްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އަނިޔާވެގެން ބަދަލުކުރިއިރު އޭނާގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ ޖޯ ގޯމޭޒް އެވެ.
މިހާފުގައި ސައުތުހެމްޕްޓަނުން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެއް ކުޅެފައިވާއިރު މެޗުގެ ފަހުވަގުތުކޮޅު، ލިވަޕޫލްގެ ސަލާހް ގޯލެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.
މިމެޗުން މޮޅުވެ ލީގުގައި ހޯދީ ހަވަނަ މޮޅާއެކު ލިވަޕޫލުން ތާވަލްގެ އެންމެ ކުރިއަށް 18 ޕޮއިންޓާއެކު ޖެހިލިއިރު ދެވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. މިމެޗުން ބަލިވި ސައުތުހެމްޕްޓަން އޮތީ ކުޅުނު ހަ މެޗުން އެންމެ 5 ޕޮއިންޓް ލިބިގެން 14 ވަނައިގައެވެ.
ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު ފުރަތަމަ 8 މެޗުން މޮޅުވެފައިވަނީ 91-1990 ވަނަ އަހަރުގެ ސީޒަނުގައެވެ. ނަމަވެސް، އެފަހަރުގެ ސީޒަން ހުޅުވުމަށް މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުން އެޓީމު އެއްވަރުވެފައިވެއެވެ.
ލީގުގައި ލިވަޕޫލް ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ޗެލްސީ އާ ދެކޮޅަށެވެ.