ޖަލު ހުކުމްތައް އިއްވާފައިވާ ސިޔާސީ ހަތަރު ލީޑަރުންނަށް ނުދޭ ފަދަ ގަދަފަދަ އަދަބު ރައީސް މައުމޫނަށް ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އެމަނިިކުފާނުގެ އަރިސް ބޭފުޅެއްގެ ގާތުގައި ދެންނެވި ކަމަށް ޝެއިޚް އިިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގައި ދިރިއުޅުއްވަމުން އަންނަ ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު ގަން އެއާޕޯޓުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އެބޭފުޅާއާއި ހިސާބަށް މައުމޫނާއި ބެހޭގޮތުން ރައީސް ޔާމީން ދެއްކެވި އެވާހަކަތައް ގެނެސްދެއްވީ ޑރ. ޝަހީމް ކަމަށެވެ.
ޝެއިޚް އިލްޔާސް ވިދާޅުވި ގޮތުގައި މައުމޫނަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގާތުގައި ވިދާޅުވީ، ރޯދަމަހާއި ދިމާކޮށް މައުމޫން ގޭބަންދަށް ދޫކޮށްލުމަށް އެދުމުން ކަމަށެވެ.
އެހެން ނަމަވެސް އެބޭފުޅަކު އެހެން ދެންނެވުމުން ޖަވާބުގައި، "މިހަތަރު ލީޑަރުންގެ ތެރެއިން އެއްވެސް ނުދޭ ގަދަ އަދަބު މައުމޫނަށް ދޭނަމޭ" ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.
"މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ގާތް އެކުވެރިޔަކު ޚާއްސަ އެކުވެރިޔަކު ރަހްމަތްތެރިޔަކު އޭނަގެ އެއްބަފާބޭބެ ރޯދަމަހުގައި ގޭ ބަންދަށް ބަދަލުކުރައްވާށޭ ވިދާޅުވީމާ ވިދާޅުވިކަމަށް ޑރ.ޝަހީމް ވިދާޅުވީ، އަޅުގަނޑުގެ އެންމެ ގާތް އަޚް ކައިރީގައި އޭނަވެސް ލޯބިވާ މީހާ ކައިރީގައި ވިދާޅުވީ، ވަރަށް އަނިޔާވެރިކަން ބޮޑޭ، މިގޮތަށް ހުށަހެޅުމުން ވިދާޅުވިއޭ ހަތަރަ ލީޑަރުންގެ ތެރެއިން އެއްވެސް ލީޑަރަކަށް ނުދޭ ފަދަ ގަދަ އަދަބު ތިމަންނަ އޭނައަށް ދޭނަމޭ." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ "އަނިޔާވެރިކަމުގެ" ވާހަކަ އެތައް ފަހަރަަކު ޝަހީމް ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ އެ "އަނިޔާވެރި" ސަރުކާރުގެ ދިފާއުގައި ހުންނަވަނީ ކީއްވެތޯ އިލްޔާސް ވަނީ ސުވާލު އުފައްދަވާފައެވެ.