ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އަލަށް ޕްރޮމޯޓުވި ވުލްވަހެމްޕްޓަން ވޮންޑަރާސް އާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅެ އެއްވަރުވިއިރު ވާދަވެރި މެންޗެސްޓަރ ސިޓީ ވަނީ ކާޑިފް ސިޓީގެ މަައްޗަށް ބޮޑު މޮޅެއް ހޯދައިފައެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފޯޑްގައި ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗު ބެލުމަށް ޔުނައިޓެޑްގެ ކުރީގެ ކޯޗް ސަރ އެލެކްސް ފާގަސަން ވަނީ ހާޒިރުވެފައެވެ. މިއީ މިދިޔަ މޭމަހު އިމަޖެންސީގައި ސިކުނޑީގެ ސާޖަރީއެއް ހެދުމަށްފަހު ޔުނައިޓެޑްގެ ދަނޑަށް ފާގަސަން މެޗެއް ބެލުމަށް ދިޔަ ފުރަތަމަ ފަހަރެވެ.
މިމެޗުގެ 18 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑް ނަގައިދިނީ ޕައުލް ޕޮގްބާ ދިން ރީތި ޕާހަކުން ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
ޔުނައިޓެޑުން މިގޯލް ޖެހުމުގެ ކުރީން ވުލްވްސް އަށް ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ދެތިން ފުރުޞަތެއް ލިބިފައެވެ. އެގޮތުން، އެޓީމުގެ ރައުލް ހިމެނޭޒް އާއި ރަޔާން ބެނެޓްގެ އިތުރުން ވިލީ ބޮލީ ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޔުނައިޓެޑް ކުރީގައިއޮވެގެންނެވެ.
ވުލްވްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި އެޓީމުގެ މެކްސިކޯ ފޯވާޑް ހިމެނޭޒް ތަނަވަސްކުރި ފުރުޞަތަކުން ޕޯޗުގަލްގެ މިޑްފީލްޑަރު ޖޮއާއޯ މޮޓީނިއޯ އެވެ. މިއީ ޔުނައިޓެޑްގެ ޕެނަލްޓިއޭރިޔާ ރޮނގުމަތީގައި ހުރެ އޭނާ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ.
މިހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ އިތުރު ފުރުޞަތުތައްލިބި ބޭނުންހިފޭގޮތެއްނުވިއެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި އޯލްޑް ޓްރެފޯޑްގައި ވުލްވްސް އިން ހޯދީ ފުރަތަމަ ޕޮއިންޓެވެ.
މިމެޗުން އެއްވަރުވުމުން ލިބުނު ޕޮއިންޓާއެކު މިހާތަނަށް ކުޅުނު ހަމެޗުން 10 ޕޮއިންޓް ހަމަކޮށް ޔުނައިޓެޑުން ލީގު ތާވަލްގެ ހަވަނަ އަށް ޖެހިލިއިރު ވުލްވްސް އޮތީ އެއަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެން ތާވަލްގެ 10 ވަނައިގައެވެ.
އެންމެފަހުގެ ޗެމްޕިއަން ސިޓީ ވަނީ ރަށުން ބޭރުގައި ކާޑިފް ސިޓީ އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވެ، ތާވަލްގެ ދެވަނައަށް ޖެހިލައިފައެވެ.
ކާޑިފް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ 32 ވަނަ މިނެޓުގައި ސިޓީއަށް ލީޑް ނަގައިދިނީ އާޖެންޓީނާގެ އިތުބާރު ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. އޭގެ ތިން މިނެޓުފަހުން ބާނާޑޯ ސިލްވާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އިލްކާއި ގުންޑޮގަން ކާމިޔާބުކުރި ރީތި ގޯލަކުން އެޓީމު، މިހާފު ނިންމާލީ ތިން ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރިޔާދު މާރޭޒް ވަނީ 67 ވަނަ މިނެޓުގައި އާއި 89 ވަނަ މިނެޓުގައި ކާމިޔާބުކުރި ދެލަނޑުން އެޓީމަށް ފަސޭހަ މޮޅެއް ހޯދައިދީފައެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން 2-1 އިން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވިއިރު ލެސްޓަރ ސިޓީ ވަނީ 3-1 އިން ހަޑަސްފީލްޑް ޓައުން ބަލިކޮށްފައެވެ. ފުލަމް އާ ވަޓްފޯޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު ކްރިސްޓަލް ޕެލަސް އާ ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މީގެއިތުރުން، ބޯންމައުތު އަތުން ބާންލީ 4-0 ގެ ނަތީޖާއަކުން މޮޅުވެފައިވެއެވެ.