މާކޯ އަސެންސިއޯ ކާމިޔާބުކުރި ލަނޑުން ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެސްޕަންޔޯލްގެ މައްޗަށް ރެއާލް މެޑްރިޑުން ހޯދީ މޮޅާއެކު ވަގުތީގޮތުން އެޓީމު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މި މޮޅާ އެކު ލީގުގެ އެއްވަނަ އަށް ރެއާލް ޖެހިލީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށްގެންނެވެ. ކުރިން އެއްވަނައިގައި އޮތް ބާސެލޯނާ އަށް 12 ޕޮއިންޓް ލިބިފައިވާއިރު މިރޭ ޖިރޯނާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް އަލުން ތާވަލްގެ އެއްވަނަ ލިބޭނެ އެވެ. ތިން ވަަނައިގައި އޮތް ޑިޕޯޓިވޯ އަލަވޭސް އަށް ލިބިފައިވަނީ ފަސް މެޗުން 10 ޕޮއިންޓެވެ. ގަދަފަދަ އެތުލެޓިކޯ މެޑްރިޑް އޮތީ 8 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.
ރެއާލުން މިމެޗަށް ނިކުތްއިރު އެޓީމު އެންމެފަހުން އިޓަލީގެ އޭއެސް ރޯމާ އާ ދެކޮޅަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން، ކުރީ މެޗުގައި އެޓީމުގެ ގޯލް ބެލެހެއްޓި ކޭލޯ ނަވާސްގެ ބަދަލުގައި ތިބައުޓް ކޯޓުއާ ހިމަނާފައިވާއިރު ޓޯނީ ކްރޫޒް އާއި ޑެނީ ކަރްވަހާލް އަދި ގަރެތު ބޭލްގެ އިތުރުން މާސެލޯގެ ބަދަލުގައި ޑެނީ ސެބަޔޯސް އާއި ނާޗޯ ފެނާންޑޭޒް އަދި އަސެންސިއޯގެ އިތުރުން އަލްވާރޯ އޮޑްރިއޮޒޯލާ އަށް މިމެޗުގައި ކުޅުމުގެ ފުރުޞަތު ދީފައިވެއެވެ.
ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މިމެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ގޯލް ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަސެންސިއޯ އެވެ. މިއީ ގޯލެއްކަން ޔަޤީންކުރުމަށް ވީއޭއާރްގެ އެހީ ރެފްރީ ހޯދައިފައިވާއިރު އެންމެ ފުރަތަމަ، އެސިސްޓެންޓް ރެފްރީ އާ މަޝްވަރާކުރުމަށްފަހު އޮފްސައިޑްކަމަށް ނިންމުމަށްފަހު ވީޑިއޯ ރީޕްލޭ ބެލުމަށްފަހު ފަހުން އެއީ ގޯލެއްކަމަށް ވަނީ ނިންމާފައެވެ.
މިމެޗުގެ ދެވަނަ ހާފުގައި ދެޓީމަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު ރެއާލްގެ ހަމަލާތައް ހުއްޓުވުމުގައި މިމެޗުގައި އެސްޕަންޔޯލްގެ ގޯލް ބެލެހެއްޓީ ޑިިއޭގޯ ލޮޕޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ރޭ ލީގުގައި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ވަނީ ގެޓަފޭ އަތުން 2-0 އިން މޮޅުވެފަ އެވެ. މިމެޗުގައި އެތުލެޓިކޯ އިން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ 14 ވަނަ މިނެޓުގައި ގެޓަފޭގެ ގޯލްކީޕަރު ޑޭވިޑް ސޯރިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެތުލެޓިކޯގެ ފަހު ލަނޑު ޖަހައިދިނީ ތޯމަސް ލެމާ އެވެ.
މިމުބާރާތުގައި މިހަފްތާގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ހުއެސްކާ އަތުން 1-0 އިން ރެއާލް ސޮސިއެޑާޑް މޮޅުވިއިރު ލެގާނެސް އަތުން އެއިބާ މޮޅުވީވެސް މިނަތީޖާއިންނެވެ. ރަޔޯ ވަޔެކާނޯ އަތުން 5-1 އިން ޑިޕޯޓިވޯ އަލާވޭސް މޮޅުވިއިރު ސެލްޓާވިގޯ އާ ރެއާލް ވަލޮޑަލިޑް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ސްޕެނިޝް ލީގުގައި ރެއާލް ދެން ކުޅޭ މެޗުގައި މިމަހުގެ 27 ވަނަ ދުވަހު ރަށުން ބޭރުގައި ސެވިއްޔާ އާ ދެކޮޅަށް ނިކުންނައިރު އެޓީމު ލީގުގައި ދެން ކުޅޭ މެޗުގައި މެޑްރިޑްގެ ޑާބީގައި އެތުލެޓިކޯ އާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އޭގެ ދެ ދުވަސް ފަހުން ސެންޓިއާގޯ ބާނެބެއު ގައެވެ.