ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ ނަރުހުން އުޅެން ޖެހެނީ އަސާސީ ހިދަމްތުން ވެސް މަހުރޫމްވެގެން ކަމަށާއި، މަސައްކަތް ކުރާނެ އެކަށީގެންވާ މާހައުލެއް ގާއިމްވެފައި ނެތްކަމަށް ނަރުހުން ބުނެފި އެވެ.
ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން ނަރުހުންގެ ނާސިން މެނޭޖަރު ފަރުހާނާ ހުސްނީ ވިދާޅުވީ ނަރުހުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އާބާދީގެ ނިސްބަތުން ހިދްމަތް ދޭން ތިބި ނަރުހުން މަދުކަން ފަރުހާނާ ފާހަގަ ކުރި އެވެ.
ރޭގެ ހަފްލާގައި ނަރުހުން ތައްޔާރު ކުރި ވީޑިއޯ ޕްރެސެންޓޭޝަނެއްގައި ނަރުހުންނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ހިމަނާފައިވެ އެވެ.
އެގޮތުން ނަރުހުންނަށް ފާހާނާ ކުރެވޭނެ ނިޒާމެއް ނެތުމާއި، ސާފު ބޯފެން ލިބެން ނެތުން ފާހަގަކޮށްފައި ވެ އެވެ. އަދި ނަރުހުންނާ މެދު މެނޭޖްމަންޓުން އިހްމާލުވެފައިވާ ކަމަށް ނަރުހުން ބުނެ އެވެ.
މަސައްކަތުގެ މާހައުލަށް ބޭނުންވާ ކޮމްޕިއުޓާ އާއި އެފަދަ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދީފައި ނުވާ އިރު އޮފީސް މަސައްކަތުގައި އަމިއްލަ މޯބައިލް ފޯނު ބޭނުން ކުރަން ޖެހޭ މައްސަލަވެސް ނަރުހުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިކަން ކަން ހައްލުކޮށް ދިނުމަށް ތަކުރާރު ކޮށް އެތައް ފަހަރަކު މެނޭޖްމަންޓްގައި ދެންނެވިފައިވާ ކަމަށް ނަރުހުން ބުނެ އެވެ.
ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން ވަނީ ތަފާތު ހަރަކާތްތައް ހިންގާފަ އެވެ. އަދި ހޮސްޕިޓަލް ވެސް ވަނީ ދުވަހާ ގުޅޭ ގޮތަށް ތައްޔާރުކޮށްފަ އެވެ.