ެ(މެއި 12، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"އޭއި މީރާ…މީރާ..މަޑުކޮށްބަލަ." މާ ބާރަށް މީހަކު ގޮވާލީމާ ހުރިހާ ފަސިންޖަރުންހެން އެނބުރި ބަލާލި އެވެ.
މީރާ އަކީ ދާދި ދެންމެ މުރާދު އާ ވާހަކަ ދެއްކި އަންހެން ކުއްޖާއެ ވެ. އެ ވަގުތު މަޑުކޮށްލާފައި އޭނާ ވެސް އެނބުރިލި އެވެ. މުރާދު ހުރި ގޮތަށް ކުރިއަށް ދިޔައީ އެވެ.
"ތި ދިޔައީ މަގޭ އަތުގަ ބޯޑިން ޕާސް ބާއްވާފައެެއްނު..މިއޮތީ…ދެން ބުނެބަލަ ކުރީގަ ހުރެގެން އެ ދިޔައީ ކޮން ގޮލައެއް؟ ޔަގީން އެއީ މިހާރު އަތު އަޅުވައިގެން އުޅޭ ބިޓް ދޯ؟" ދެ ރަހުމަތްތެރިންގެ މި ވާހަކަ ވަރަށް ސާފުކޮށް ކިޔޫގައި ހުރި މުރާދަށް އަޑު އިވުނެވެ. މުރާދު އެނބުރި ބަލާލި އެވެ.
"ދެން ސާބަހޭ ޝިފާނާ…މިތަނުން ފުރައިގެން ދާއިރު ވެސް ބޮޑު ބަދުނާމެއްގަ އަޅުވާފަ ދިޔަދޭތި ދެން އެ މީހާ ހީކުރާނީ ވެސް ކީކޭ؟"
ޝިފާނާ ހެމުންހެމުން މީރާ އަތަށް އޭނާގެ ބޯޑިން ޕާސް ދިނެވެ. އަދި ދެ މީހުން ސަލާންކޮށްލުމަށް ފަހު ވަކިވި އެވެ. ދެ ކޮނޑުގައި ދެ ދަބަސް އަޅުވައިގެން އަތުން ވެސް ވަރަށް ބަރުކޮށްލައިގެން އެއްޗިހި އުފުލައިގެން މީރާ އެންމެންގެ ފަހަތުގަ ހުރެގެން ގޮސް ފްލައިޓަށް އެރި އެވެ.
އެއަ ހޮސްޓުން މީރާ އަށް އެ ތަކެތި މަތީ ކޮންޕައުންޑަށް ލާން އެހީވި އެވެ. މީރާ ހަމަޖެހިލައިގެން އިށީނެވެ. އަދި ސީޓް ބެލްޓް އަޅުވާލި އެވެ. ޖެހިގެން ހުރި ގޮނޑި ހުރީ ހުހަށް ކަމުން މީރާ ހިތްހަމަޖެހުނެވެ. އަދި މީރާ ވިސްނާލި އެވެ. އެ މީހާ ކޮބައި ބާވަ އެވެ؟ ގައިމު މީގެތެރޭ ކޮންމެވެސް ތާކު ވާނެ އެވެ. ކުއްލިއަކަށް މީހަކު ސަލާމް ގޮވާލި އަޑަށް މީރާ ބަލާލި އެވެ.
"ތީ މަގޭ ސީޓް…" މުރާދު ކޮޅަށް މީރާ އަށް ބަލަހައްޓައިގެން ހެވިފައި ހުއްޓެވެ. އެ ވަގުތު އެއާ ހޮސްޓެސް އައިސް މީރާ އަށް ގޮނޑި ބަދަލު ކުރަން އެދުނެވެ.
މީރާ މަޑުމަޑުން ކުޑަދޮރު ހުރި ގޮޑިއަށް ޖެހިލި އެވެ. އަދި ޖެހިގެން ހުރި ގޮނޑީގައި މުރާދު އިށީނެވެ. ދެ މީހުންގެ ދޭތެރޭގައި ވަރުގަދަ ހިމޭންކަމެއް ވެރިވި އެވެ. މީރާ އަކީ މާ ގިނަ ވަގުތު ހިމޭނުން އިނދެވޭ ކުއްޖަކަށް ނުވާތީ ވާހަކަ ފެށި އެވެ.
"މަގޭ ނަމަކީ މީރާ އަބުދުލް ޤައްޔޫމް. މުޅި ދަތުރު ހިމޭނުން އަޅުގަނޑަކަށް ނުއިނދެވޭނެ. ވަގުތީ ގޮތަކަށް ރަހްމަތްތެެރި ވެލަމާ. ހަމަ ގައިމު ގެއްލުމެއްނުވާނެ." ސަލާން ކުރަން އަތް ދިއްކުރަމުން މީރާ ވާހަކަ ފެށި އެވެ.
"އަހަރެންގެ ނަމަކީ މުރާދު. މުރާދު އަބުދުލް ކަރީމު." މީރާ ދިއްކުރި އަތުގައި ހިފައި ސަލާންކޮށްލަމުން މުރާދު ބުނެލި އެވެ.
"ހީވާ ގޮތުން މިއީ ތީނަ އިންޑިޔާ އަށް ދާ ފުރަތަމަ ދަތުރު ދޯ؟" މީރާ މުރާދު އާ ދިމާއަށް އެނބުރިލަމުން ބުނެލިއެވެ.
"ތި ހީކުރީ ހަމަ ރަނގަޅަށް މިއީ އަހަރެންގެ ފުރަތަމަ ދަތުރު." މުރާދު ގޮނޑީގައި ލެނގިލަމުން ބުނެލި އެވެ.
"މިހާރު ހޮޓާ ހަމަޖައްސައިފިން؟" މީރާ ހުއްޓާ ނުލާ ވާހަކަ ދެއްކި އެވެ. އަސްލުގަ ބުނާ ނަމަ މިކަމުން މުރާދަށް އުނދަގޫ ވެސް ވެ އެވެ.
ނަމަވެސް އެއްޗެކޭ ނުބުނެ އެ އަންހެން ކުއްޖާގެ ކޮންމެ ސުވާލަކަށް އޭނާ ޖަވާބު ދިނެވެ. އޭގެ ސަބަބުން ކޮންމެ ވެސް ވަރަކަށް އޭނާގެ މާޒީ އާ ދުރަށް ދެވޭތީ ވެސް މެ އެވެ.
"ނޫނޭ…އަދި ހޮޓާ ހަމަ ނުޖައްސަން. ދެން ގޮއްސަ ވެސް އެކަން ހަަމަޖެއްސިދާނެތާ ދޯ؟" މުރާދު ކުޑަކޮށް ތެދުވެލަމުން ބުނެލި އެވެ. އެވަގުތު ބޯޓްގެ ސަލާމަތީ ކަންތަކާ ބެހޭ ގޮތުން އެއާ ހޮސްޓެސް އިރުޝާދު ނެވެ. ނަސީބަކުން އެ ވަގުތު މީރާ ވެސް އިނީ ހިމޭނުން އަޑު އަހާށެވެ.
"އަސްލު އެކަނި ދަތުރު ކުރަން އަހަރެން ވެސް ވަރަށް ފޫހިވެ ބިރު ގަނޭ. އެކަމަކު މި ދަތުރު އަންނަަން ޖެހުނީ." މީރާ އަމިއްލައަކަށް އޭނާގެ ވާހަކަ މުރާދަށް ކިޔައި ދެމުން ދިޔަ އެވެ.
މުރާދު ވެސް މާ ޝައުޤުވެރިކަ މެއް ނެތަސް އަހަން އިނެވެ. އިރުކޮޅަކުން ކާ އެއްޗެހި ގެނަ އެވެ. މީރާ މުރާދުގެ މޭޒް ހުޅުވައި ދިނެވެ. މުރާދު ޝުކުރު އަދާ ކުރުމުގެ ގޮތުން ހީލި އެވެ. ދެ ވެރިން ވަރަށް މަޖާވެފައި ކައި ނިންމި އެވެ. މީރާ ހުއްޓުމެއް ނެތި ވާހަކަ ދެއްކި އެވެ. ބައެއް ވާހަކަ މުރާދަކަށް ނީވެ އެެވެ.
ސާރާ ނުހަނު ހަލުވިކަމާ އެކު ސާހިލްގެ ކޮޓަރިއަށް ދެމިގަތެވެ. ވިއާމާ ވެސް ވީ ބޭރަށް ގޮއްސައެވެ. ސާހިލް ވެސް ވީ ބަގީޗާ ގަ އެވެ. އެއިން އެކަކު ވެސް ނާންނާނެކަން ގައިމުކޮށްފައި ސާރާ ސާހިލްގެ ކޮޓަރީ ދޮރު ލައްޕާ ތަންޑު އެޅިއެވެ.
ސާރާ އަށް ބޭނުންވާ ކޮންމެ ވެސް އެއްޗެއް މި ކޮޓަރީގައިވެޔޭ އޭނާގެ ހިތް ބުނާތާ ކިތަންމެ އިރެކެވެ. ސާރާ އަށް ފެށުނީއްސުރެ ސާހިލް ކޮންމެވެސް ކަމެއް ސިއްރު ކުރަން އުޅޭހެން ހީވި އެވެ. އަދި އަމުދުން ކުރީ ދުވަހު އިރު އަރާ މަންޒަރު ބަލަން ތިބެފައި ދެކެވުނު ވާހަކަތަކުން ވެސް ސާހިލް އާ މެދު ސާރާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ.
ސާރާ އަލަމާރި ހުޅުވާލި އެވެ. އެ ވަގުތު ކޮޓަރީ ދޮރުހުޅުވާލާފައި ސާހިލް ވަނެވެ. ސާރާ އަވަހަށް އަލަމާރީ ދޮރު މަޑުމަޑުން ލައްޕާލާފައި އަލަމާރީގެ ބިއްދޮށަށް ޖެހިލި އެވެ.
(ނުނިމޭ)