ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޖިރޯނާ އާ ބައްދަލުކޮށް 2-2 އިން ބާސެލޯނާ އެއްވަރުވިނަމަވެސް އެޓީމަށް އަލުން އެއްވަނަ ލިބިއްޖެއެވެ.
ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ފަސް މެޗު ކުޅުނުއިރު ބާސާ އާއި ރެއާލް މެޑްރިޑަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ބާސާ ކުރީގައި އޮތް އިރު ތިން ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ޑިޕޯޓިވޯ އަލަވޭސް އެވެ.
ކޭމްޕް ނޯ ގައި ކުޅުނު މިމެޗުގެ 19 ވަނަ މިނެޓުގައި ބާސާ އަށް ލީޑް ނަގައިދިނީ އާތުރޯ ވިޑާލް ތަނަވަސްކުރި ފުރުޞަތަކުން ލިއޮނަލް މެސީ އެވެ.
ބާސާ އަށް މިމެޗުގައި މައްސަލަތައް ދިމާވީ، މެޗުގެ 35 ވަނަ މިނެޓުގައި އެޓީމުގެ ފްރާންސް ޑިފެންޑަރު ކްލެމެންޓް ލެންގްލޭ އަށް ރެފްރީ ރަތްކާޑު ދެއްކުމުންނެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ބާސާ ކޮޅަށް، ފުރަތަމަ ހާފުގެ އެންމެފަހު މިނެޓުގައި ޖިރޯނާގެ ކްރިސްޓިއަން ސްޓުއާނީ ވައްދާލި ލަނޑާއެކު މިހާފު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
ބާސާގެ ކޯޗް އާނެސްޓޯ ވަލްވާޑޭ ވަނީ ދެވަނަ ހާފުގެ ކުޅުން ފެށިއިރު ފްރާންސްގެ ވިންގާ އޮސްމާނޭ ޑެމްބެލޭގެ ބަދަލުގައި ސެމުއެލް އުމްޓީޓީ ކުޅެން ނެރެފައެވެ.
މިހާފު ފެށިގެން ހަވަނަ މިނެޓުގައި ސްޓުއާނީ ވަނީ އިތުރު ލަނޑެއްޖަހައި ޖިރޯނާ އަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ.
އޭގެފަހުން، ބާސާ އިން ވަނީ އިތުރު ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން، މިޑްފީލްޑަރު އާތުރޯ ވިޑާލް އާއި އާތަރ މެލޯގެ ބަދަލުގައި އިވާން ރަކިޓިޗް އަދި ފިލިއްޕޭ ކުޓީނިއޯ ވަނީ ކުޅެން ނިކުމެފައެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ބާސާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމަށް ލިބުނު ކޯނަރަކުން އައި ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން ޖެރާޑް ޕީކޭ އެވެ. ބާސާ އިން މިގޯލް ކާމިޔާބުކުރުމުގެ ކުރީން މެސީ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައިވެއެވެ.
މިމުބާރާތުގައި އިއްޔެ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސެވިއްޔާ ވަނީ ރަށުން ބޭރުގައި ލެވާންޓޭ އަތުން 6-2 އިން މޮޅުވެފައެވެ. މިމެޗުގައި ސެވިއްޔާގެ ވިސާމް ބެން ޔެޑާ ހެޓްރިކް ހެދިއިރު އަނެއް ތިން ލަނޑު ޖަހައިދިނީ ކަރީކޯ އާއި އަންދްރޭ ސިލްވާގެ އިތުރުން ސަރާބިއާ އެވެ. ވިޔާރެއާލް އާ ވެލެންސިއާ ބައްދަލުކުރިމެޗު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު ރެއާލް ބެޓިސް އާ އެތުލެޓިކް ބިލްބާއޯ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.