Last Updated: February 13, 16:10
Thursday, February 13, 2025
ޚަބަރު

އަބްދުﷲ ރިޔާޒު ކޯޓަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

ރިޔާޒު ކޯޓަށް ހާޒިރުކޮށްފައި ވަނީ މިއަދު މެންދުރުފަހު 15:30 ހާއިރު އެވެ. އޭނާ ކޯޓަށް ހާޒިރުކުރީ ކޮން މައްސަލައަކާއި ގުޅިގެންކަން އަދި އެނގިފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި މިއަދު ރިޔާޒު ބަންދުން މިނިވަންކުރާނެ އެވެ.

ރިޔާޒުގެ މައްޗަށް ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ޖަލުން ދޫކޮށްނުލައި ރިމާންޑް ޖަލަށް ވަނީ ބަދަލުކޮށްފަ އެވެ.

އަބްދުﷲ ރިޔާޒުގެ ފޯނެއް ހުޅުވައި ނުދިން ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލި ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމީ ހައިކޯޓުންނެވެ. ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނިކޮށް ހައިކޯޓުން އެ ހުކުމް ރިޔާޒުގެ މައްޗަށް ވަނީ އިއްވާފައެވެ.

އެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނުނަމަވެސް، ރިޔާޒު މިވަގުތު ހައްޔަރުކޮށްފައި ހުންނެވީ ޣައިރު ޤާނޫނީ ބަންދެއްގައި ކަމަށް ކަނޑައަޅައިދިނުމަށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

ރިޔާޒް ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުގައެވެ. އަދި އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގައެވެ.

މި ޙުކުމް އިއްވާފައިވަނީ ފުލުހުންނަށް ރިޔާޒުގެ ޕިންކޯޑު ދީފައި ނުވާ މައްސަލާގައި ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން އިއްވި ހުކުމް ބާތިލްކުރުމަށްފަހު އެވެ. ރިޔާޒުގެ މައްޗަށްވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ދައުވާއާއި ޓެރަރިޒަމްގެ ދައުވާވެސް ކްރިމިނަލް ކޯޓްގައި އުފުލާފައެވެ.