Last Updated: November 23, 13:49
Saturday, November 23, 2024
ރިޕޯޓް

ގަދަކަން ދައްކަން ފޭހުނު އިލޮށިތައް އަމިއްލަ ލޮލަށް ހެރޭ ހިސާބަށް!

ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުގައި ތިއްބެވި ބޭފުޅުން ހިތުހުރި ގޮތަކަށް ގާނޫނުތަކަށް ބަދަލު ގެންނަމުން ދިޔައީ މި ދުވަސް އަންނާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލުކޮށްގެނެއް ނޫނެވެ. އަބަދުވެސް އާރާއި ބާރުގައި ވެރިކަމުގައި ތިބޭނެ ކަމަށް ބަލައިގެންނެވެ.

އިދިކޮޅު ސިޔާސީ ފަރާތްތައް މައިތިރި ކުރުމަށް ގާނޫނުތައް ފާސްކުރިއެވެ. ގަޑިއެއްހާއިރު ތެރޭގައި ގަވާއިދުތައް ހަދައިފިއެވެ. އެކި ނަންނަމުގައި ކޮމިޝަންތައް މެދުވެރިކޮށް ޖޫރިމަނާ ވެސް ކުރިއެވެ. ފުލުހުންނަށް ބޮޑެތި ބާރުތައް ލިބޭގޮތަށް ގާނޫނުތައް ވެސް ފާސްކުރިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ކިއްލާ ހިމާޔަތްކުރަން އެމަނިކުފާނަށް ވަފާތެރި މަޖިލިސް މެންބަރުންގެ އެހީތެރިކަމާއި އެކު ބޯ ފާރުތައް ރޭނިއެވެ. އިދިކޮޅު ސިޔާސީ ފަރާތްތައް ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ބަންދުވެސް ކުރިއެވެ.

އެހެން ނަމަވެސް ވެރިކަމުގެ ކިއްލާ ދިފާއު ކުރަން ރޭނި ފާރުތައް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ދިވެހި ރައްޔިތުން މިވަނީ ނިކުމެ ތަޅާލާފައެެވެ. އެއާއި އެކު ސިޔާސީ މަންޒަރު ބަދަލުވެއްޖެއެވެ.

އިސާހިތަކު އިދިކޮޅަށް ވާނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ފެކްޝަނުގެ މަޖިލިސް މެންބަރުންނެވެ. އެހިސާބުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟

މިސާލަކަށް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރޭ ކިޔައިގެން އެ ފެކްޝަނުން އެއްޗެއް ކިޔާއިރަށް އަބުރުގެ ގާނޫނުން ބަނދެލެވޭނެއެވެ. ކޯޓު އަމުރަކާއި ނުލައި ފުލުހުންނަށް ގޮސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ފެކްޝަނުގެ މެންބަރުންގެ ޖީބުތައް ފާސްކުރެވޭނެއެވެ.

އާރާއި ބާރުގައި ތިބެ ހިތުހުރި ގޮތަކަށް ގާނޫނުތައް ހެދި ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް ކޮޅުކެހި ލިބުން އޮތީ ވެސް ދުރުގައެއް ނޫނެވެ. ކޯޓުތަކުގައި ރައީސް ޔާމީން އެޅުއްވި "ޑެޑް ލޮކް" ނެއްޓިއްޖެއެވެ. އިސާހިތަކު ކޯޓު މެދުވެރިކޮށް ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނަށް ލިބިވަޑައިގެންފާނެ އެވެ.

އެހިސާބުން އަބްދުއްރަޙީމް އާއި އަހްމަދް ނިހާން ހަސަން މަނިކުގެ ގޮނޑި ގެއްލުވާލުމުގެ ބާރު ރައީސް މައުމޫނަށް ލިބުނީއެވެ. މަޖިލިސް އިންތިހާބާއި ދެމެދު މަދު ދުވަސްކޮޅެއް އޮތް ނަމަވެސް، އެކަން އެގޮތަށް ކުރައްވާނެ ކަމަށް ބެލެވެއެވެ.

ރައީސް މައުމޫނު އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު އެމަނިކުފާނު ޖަލުގައި ބަންދުކުރި އިރު އަތްޖަހަން ތިއްބެވި މަޖިލިސް މެންބަރުންނަށް އެމަނިކުފާގެ ޕާޓީއަކުން ހަމަގައިމުވެސް ޖާގައެއް ނުލިބޭނެއެވެ.

މީގެ ކުރިން ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ވެރިކަމުގެ ތިބެ، ހުރިހާ މުއައްސަސާތަކުގެ މަދަދުވެރިކަމާއި އެކު ގާނޫނުތައް ވެއްޔާއި މޮޑެމުން ދިޔުން ނިމުމަކަށް އައީއެވެ. އާރާއި ބާރުގައި ގަދަބަސް ވިދާޅުވެ ފޭއްސެވި އިލޮށިތައް އިސާހިތަކު ވާނީ އެބޭފުޅުންގެ ލޮލަށެވެ.