އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން މޮޅުވެ ވަރުގަދަ މެންޗެސްޓަރ ޔުނައިޓެޑް ސިއްސުވާލުމަށްފަހު ފްރޭންކް ލަމްޕާޑްގެ ކޯޗު ކަމުގައި ކުޅުނު ޑާބީ ކައުންޓީ އިން ކުރި ހޯދައިފިއެވެ.
މެންޗެސްޓަރގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ޑާބީ އިން ކާމިޔާބުކުރީ 8-7 ގެ ނަތީޖާއަކުންނެވެ.
އޯލްޑް ޓްރެފޯޑްގައި ޔުނައިޓެޑްގެ އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އިނގިރޭސި ވިލާތުގެ ދެވަނަ ޑިވިޝަނުގައި ކުޅޭ ޑާބީ އާ ދެކޮޅަށް އެޓީމު ކުޅުނު މިމެޗުގެ ތިންވަނަ މިނެޓުގައި ޖެސޭ ލިންގާޑް ތަނަވަސްކުރި ފުރުޞަތަކުން ޔުނައިޓެޑަށް ލީޑް ނަގައިދިނީ ހުއާން މަޓާ އެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި މިހާފު ނިމުނީ 1-0 އިން ޔުނައިޓެޑް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 14 ވަރަކަށް މިނެޓުގެތެރޭގައި ޑާބީ އަށް އެއްވަރުކޮށްދިނީ ގޯލާއި 30 ޔާޑު ދުރުން ލިބުނު ހިލޭޖެހުމަކުން ހެރީ ވިލްސަން އެވެ.
ޔުނައިޓެޑުން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސް އެޅުނީ، މިސީޒަނުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑްގެ ގޯލް ބަަލަހައްޓަން ހުރި އާޖެންޓީނާގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ، އެޓީމުގެ ޕެނަލްޓީއޭރިޔާ ބޭރުން ބޯޅައިގައި އަތްލުމުން މެޗުގެ 67 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
ޔުނައިޓެޑުން އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިއުމުން އޭގެ ފައިދާނަގައި މެޗުނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޑާބީގެ ޖެކް މެރިއޮޓް ކާމިޔާބުކުރި ގޯލަކުން އެޓީމު މޮޅުވާން ދަނިކޮށް މަރުއާން ފެލައިނީ ވަނީ މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 2-2 އިން އެއްވަރުވުމުން ސީދާ ޕެނަލްޓީ ޝޫޓްއައުޓް އަށް ދިޔައިރު ޑާބީ އިން އެޓީމުން ޖެހި 8 ޕެނަލްޓީ ކާމިޔާބުކުރިއިރު ޔުނައިޓެޑްގެ ފަހު ޕެނަލްޓީ ފިލް ޖޯންސް ފޮނުވާލުމުން ޑާބީގެ ގޯލްކީޕަރު ސްކޮޓް ކާސަން ވަނީ މަތަކޮށް އެޓީމަށް އަނެއް ބުރުން ޖާގަ ކަށަވަރުކޮށްދީފައެވެ.
މިމުބާރާތުގެ ތިންވަނަ ބުރުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލީގުކަޕްގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ވަނީ ރަށުން ބޭރުގައި އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ކުޅޭ އޮކްސްފޯޑް ޔުނައިޓެޑް އަތުން 3-0 އިން މޮޅުވެފައެވެ. މިމެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ގެބްރިއަލް ޖެސޫސް އާއި ރިޔާދު މާރޭޒްގެ އިތުރުން ފިލް ފޯޑެން އެވެ. ބާޓަން އަތުން 2-1 އިން ބާންލީ ބަލިވިއިރު ކުއީންސް ޕާކް ރޭންޖާސް އަތުން ބްލެކްޕޫލް މޮޅުވީ 2-0 އިންނެވެ. ބްލެކްބާން ރޯވާސް އަތުން 3-2 އިން ބޯންމައުތު މޮޅުވިއިރު ކްރިސްޓަލް ޕެލަސް އަތުން ވެސްޓްބްރޮމްވިޗް އެލްބިއަން ބަލިވީ 3-0 އިންނެވެ. ފުލަމް އަތުން 3-1 އިން މިލްވޯލް ބަލިވިއިރު ލެސްޓަރ ސިޓީ ވަނީ ޕެނަލްޓީ ޖަހައިގެން 3-0 އިން ވުލްވަހެމްޕްޓަން ވޮންޑަރާސް އަތުން މޮޅުވެފައެވެ.