ރައީސް އަބްދުﷲ ޔާމީން އާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެ ވަޑައިގެންނެވި ހިސާބުން ދޮޅު އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރުމަށް ކަރެކްޝަނަލް ސާވިސް އިން ނިންމައިފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން މިހާރު ވަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރާ ގޮތަށް ނިންމާފައެވެ.
އެހެން ނަމަވެސް މައުމޫން ގޭބަންދަށް ބަދަލުކުރާނެ ވަގުތެއް އަދި ނޭނގެއެވެ.
އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ރައީސް މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.
ވާޓިގޯ ބައްޔަކީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެކެވެ.
ވާޓިގޯ ބަލީގައި ރައީސް މައުމޫނަށް ފަރުވާދެމުން އަންނައިރު، ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން މާފުށީ ޖަލަށް ޑޮކްޓަރަކު ގެންގޮސްގެން ވެސް މީގެ ކުރިން ވަނީ ފަރުވާ ދީފައެވެ.
އަދި އެމަނިކުފާނަށް އަމިއްލަފުޅަށް ތެދުވެވަޑައިގެން، ޒަރޫރީ ބައެއް ކަންކަން ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާތީ، ޑޮކްޓަރު ލަފާ ދެއްވީ، މައުމޫން ގޭބަންދަށް ބަދަލުކުރާށެވެ. އެހެން ނަމަވެސް އެކަމަށް މިހާތަނަށް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ވަނީ ދެކޮޅު ހަދާފައެވެ.
މައުމޫނު ގޭބަންދަށް ބަދަލުކުރަން ކަރެކްޝަންސްގެ މެޑިކަލް ބޯޑުން އެންމެ ފަހުން ނިންމާފައި މިވަނީ، ރައީސް ޔާމީންގެ އަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވެ ކޯޓުތަކުން ވެސް ސިޔާސީ ފަރާތްތައް ބަންދުން ދޫކުރަމުން ދަނިކޮށެވެ.
ރައްޔިތުްނގެ ތެރެއިން ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މީގެ ކުރިން ރައީސް މައުމޫން ގޭބަންދަށް ދޫނުކޮށް ހުރީ، ރައީސް ޔާމީންގެ ނުފޫޒުންނެވ.ެ