ރައީސް އަބްދުﷲ ޔާމީން އާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެ ވަޑައިގެންނެވި ހިސާބުން ދޮޅު އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލު ނުކޮށް ލަސްކުރަމުން ދަނީ ރައީސް ޔާމީން އަންގަވައިގެން ކަމަށް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ކަރެކްޝަންސްގެ އިސް އޮފިޝަލަކު ވިދާޅުވީ، މައުމޫން ގޭބަންދަށް ބަދަލުކުރުމަށް ހުރިހާ ކަމެއް މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ ނިންމުން ތަންފީޒު ނުކުރުމަށް ސީދާ ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.
"މެޑިކަލް ބޯޑުގެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށް ސީދާ ރައީސް ޔާމީން ވަނީ އަންގަވާފައި. އެހެންވެ ނިންމުން ތަންފީޒު ނުކޮށް ލަސްކުރަނީ" އޮފިޝަލް ވިދާޅުވިއެވެ.
ކަރެކްޝަންސްގެ އޮފިޝަލް މިހެން ވިދާޅުވި އިރު، ޖަލު ހުކުމްތައް އިއްވާފައިވާ ސިޔާސީ ހަތަރު ލީޑަރުންނަށް ނުދޭ ފަދަ ގަދަފަދަ އަދަބު ރައީސް މައުމޫނަށް ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ވިދާޅުވިކަމަށް ދާދިފަހުން ޝެއިޚް އިލްޔާސް ވެސް ވަނީ ހާމަކުރައްވާފައެވެ.
ޝެއިޚް އިލްޔާސް ވިދާޅުވި ގޮތުގައި މައުމޫނަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގާތުގައި ވިދާޅުވީ، ރޯދަމަހާއި ދިމާކޮށް މައުމޫން ގޭބަންދަށް ދޫކޮށްލުމަށް އެދުމުން ކަމަށެވެ. އިލްޔާސް ވިދާޅުވި ގޮތުގައި އެބޭފުޅާއާއި ހިސާބަށް މައުމޫނާއި ބެހޭގޮތުން ރައީސް ޔާމީން ދެއްކެވި އެވާހަކަތައް ގެނެސްދެއްވީ ޑރ. ޝަހީމް ކަމަށެވެ.