އިދިކޮޅު ފަރާތްތަކާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފި އެވެ.
އީސީ އިން ރައްޔިތުންގެ މަޖިލިހަށް އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ފަޒާދުގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޓީއާ ގުޅިގެން، މަޖިލިހުގެ ސައިޓުން ވެސް ފަޒާދުގެ ނަން ވަނީ އުނިކޮށްފަ އެވެ.
2014 ވަނަ އަހަރު ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ފަޒާދު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބަށް ދެ ހަފްތާއަށް ވެފައި ވަނިކޮށެވެ.
ފަޒާދުގެ އަމަލުތައް ހުރި ގޮތުން، ޕާޓީއަށް ގެއްލުން ވަމުންދާތީ އާއި އެއީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ބުނެ ޕީޕީއެމް އިން އޭނާ ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.
ފަޒާދަށް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ކޮމިޓީއަށް ހުށަހެޅުނު މައްސަލަތައް ބެލުމުން އެ ކޮމެޓީއަށް ފާހަގަކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި ފަހަކަށް އައިސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ފަޒާދު ބައިވެރިވެވަޑައިނުގަންނަވާ ކަމާއި، ޕާޓީން އެދޭ ކަންކަމުގައި ޕާޓީއަށް އެއްބާރުލުން ނުދެއްވާކަމާއި، ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައި ނުގަންނަވާކަމުގެ އިތުރުން ޕާލިމަންޓަރީ ގްރޫޕުން ނިންމާ ކަންކަމުގައި އެ ނިންމާ ގޮތަށް ޢަމަލު ނުކުރައްވާކަމާއި ޕާޓީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިއްތަވާކަމާއި، ޕާޓީގެ ސިޔާސަތުތަކާއި ކަނޑައެޅިގެން ޚިލާފަށް ކަންކަން ކުރައްވާކަން އަދި ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރުމަށް ކެންޑިޑޭޓެއް ދައްކާފައިވަނިކޮށް، ޕާޓީއާއި ޕާޓީގެ ކެންޑީޑޭޓަށް އުނިކަން އަންނަ ގޮތަށް މަސައްކަތް ކުރުމާއި، ޕާޓީއާއި ސަރުކާރަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކާއި އެކު މަސައްކަތް ކުރައްވަމުންދާކަން ހިމެނޭ ކަމަށެވެ.
ފަޒާދުގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށަހެޅުމުގެ ކުރިން އޭނާ ވަނީ އެ ޕާޓީގެ ވައިބާ ގްރޫޕުން ވެސް ރިމޫވްކޮށްފަ އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ފަޒާދު ވައިބާ ގްރޫޕުން ރިމޫވްކުރީ ފޯނު ނުނެގުމާއި ބައެއް ވާހަކަތަކަށް އޭނާގެ ފަރާތުން ޖަވާބު ނުލިބުމުން ކަމަށާއި، ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީގެ އަސްލުތަކާ ޚިލާފަށް އަމަލު ކުރަމުން ގެންދަވާތީ އާއި ނަސޭހަތް ދިނުމަށް ފަހުގައި ވެސް އެކަން ޤަބޫލުކޮށްފައި ނުވާތީ ކަމަށެވެ.
ފުވައްމުލަކުގެ މެމްބަރުންގެ ތެރެއިން މިހާރު ޕީޕީއެމްގައި ހުންނެވީ އެ ރަށު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އެކަންޏެވެ.