ގިނަ އަންހެނުންނަށް ކަމުދަނީ އެއްކޮށް ޝޭވްކޮށް އޮމާންކޮށްފައި ތިބޭ ފިރިހެނުންނަށް ވުރެ ބޮޑަށް ތުނބުޅި އާއި މަތިމަސް ހުންނަ ފިރިހެނުން ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
ފިލިޕްސް އިންޑިއާ އާއި ހަސްނާ ރިސާޗް އެޖެންސީ ގުޅިގެން ދާދި ފަހުން އިންޑިއާގައި ހެދި ދިރާސާ އިން ދެެއްކި ގޮތުގައި އޮމާންކޮށްފައި ތިބޭ ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުން ގަޔާވަނީ މަތިމަހާއި ތުނބުޅި ތަފާތު ސްޓައިލްތަކަށް ބަހައްޓާ ފިރިހެނުންނެވެ.
އިންޑިއާގެ ބޮޑު ފަސް ސިޓީއަކުން އުމުރުން 15-25 އަހަރާ ދެމެދުގެ 600 އަންހެނުން ބައިވެރިކޮށްގެން ހެދި ސާވޭ އިން ދެއްކި ގޮތުގައި އުމުރުން 21-25 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 54 ޕެސެންޓް އަންހެނުންނަށް ކަމުދަނީ ތަފާތު ގޮތްގޮތަށް މަތިމަހާއި ތުނބުޅި ބަހައްޓާ ފިރިހެނުންނެވެ.
އަދި އޮމާންކޮށްފައި ތިބޭ ފިރިހެނުންނަށް ވުރެ އެފަދަ ފިރިހެނުންގެ ކިބައިގައި ހިތް ދަމައި ގަންނަ ގޮތްގަނޑު މާ ބޮޑު ކަމަށް ވެސް ސާވޭ އިން ދައްކާފަައިވެ.
މީގެ އިތުރުން ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 50 ޕަސެންޓް އަންހެނުން ބުނެފައި ވަނީ މަތިމަހާއި ތުނބުޅި ބެހެއްޓުމަކީ ޒަމާނާ ގުޅޭ ކަމެއް ކަމަށެވެ. އަދި 35 ޕަސެންޓް އަންހެނުން ބުނެފައި ވަނީ އެފަދަ ފިރިހެނުންކީ ގުޅުން ބަދަހި ކުރުމުގައި ވެސް ކާމިޔާބް އަދި އެކުވެރިކަން ވެސް ދަމަހައްޓަން ހާއްސަ ލޯތްބެއް ދޭ ބައެއް ކަމަށެވެ.
ތަފާތު ގޮތްގޮތަށް ތުނބުޅި އާއި މަތިމަސް ބެހެއްޓުމަކީ އަންހެނުން ގަޔާވާ ކަމެއް ކަމަށް ސާވޭ އިން ދެއްކި ނަމަވެސް އާދަޔާހިލާފަށް އިސްތަށި ގިނަ ފިރިހެނުންނާ ދޭތެރޭ 95 ޕަސެންޓް އަންހެނުން އެހާ ހިތްހަމައެއް ނުޖެހެ އެވެ.
އަދި 70 ޕަސެންޓް އަންހެނުން ބޭނުން ވަނީ ހަށިގަނޑުގައި އެއްގޮތަކަށް ވެސް އިސްތަށި ނުހުންނަ ނުވަތަ އިސްތަށި ޓްރިމްކޮށްފައި ތިބޭ ފިރިހެނުންނެވެ.