Last Updated: April 29, 06:06
Tuesday, April 29, 2025
ޚަބަރު

ކުރީގެ ސްކައުޓް ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އަވަހާރަވެއްޖެ

ފޮޓޯ: ސޯޝަލް މީޑިއާ ފޭސްބުކް

ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އަވަހާރަވެއްޖެ އެވެ.

ބ. ކެންދޫ ގަދަގޭ ހުސައިން އަބްދުﷲ 45، އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ހުސައިން އަވަހާރަވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ތިން އަހަރެއްހާ ދުވަސް ވެފައިވަނިކޮށެވެ.

ގާތް ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިއްޔެ ވެސް ހުސައިން އަބްދުﷲ އޮފީހަށް ވަޑައިގެންނެވި އެވެ. އަވަހާރަވީ، ހާލު ސީރިއަސްވެގެން އައިޖީއެމްއެޗަށް ރޭ ގެންދަވައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށް އެ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ހުސައިން އަވަހާރަވިއިރު ހުންނެވީ އަރަބިއްޔާ ސްކޫލްގެ ގުރޫޕް ލީޑަރެއްގެ މަގާމުގަ އެވެ. ނަމަވެސް އާލާސްކަންފުޅާ ގުޅިގެން، ސްކައުޓް ހަރަކާތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިނުގަންނަވާތާ އަހަރެއްހާ ދުވަސް ވެދާނެ ކަމަށް ވެ އެވެ.

ހުސައިން އަބްދުﷲ އަވަހާރަވުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާ ފޭސްބުކް އަދި ޓްވިޓާގައި ތައުޒިޔާގެ މެސެޖްތައް ޕޯސްޓް ކުރައްވަމުންނެވެ.