Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ވުޖޫދުގައި ނެތް ކަންތައްތަކެއް އުފައްދައިގެން އިންތިޚާބުގެ ކަންތައްތައް ގަޑުބަޑު ކުރަން އުޅެގެންނުވާނެ: ތައުފީގު

އަހުމަދު ތައުފީގް. ފޮޓޯ: ވީނިއުސް

ވުޖޫދުގައި ނެތް ކަންތައްތަކެއް އުފައްދައިގެން އިންތިޚާބުގެ ކަންތައްތައް ގަޑުބަޑުކުރަން އެއްވެސް ބަޔަކު އުޅެގެން ނުވާނެ ކަމަށް ޖުމްހޫރީޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ތައުފީގް މިހެން ވިދާޅުވީ ރައްޔިތުން ލައްވާ ގަދަކަމުން ރިޔާސީ އިންތިޚާބާ ގުޅޭ ޝަކުވާ ފޯމްތައް ފުރަމުން ގެންދާ ކަމަށް އަޑު ފެތުރެމުންދާތީ އެކަމާ ގުޅޭގޮތުން ވީޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިޚާބާ ގުޅުން ހުރި ކަންތައްތަތަކަކީ ހުރިހާ ރައްޔިތުންނާ ވެސް ގުޅުން ހުރި ކަންތައްތައްތަކެއް ކަމަށް ތައުފީގް ވަނީ ވިދާޅުވެފައެވެ. ތައުފީގު ވިދާޅުވީ ބައެއް އޮފީސްތަކުގެ މުވައްޒަފުން ލައްވާ އިންތިޚާބާ ގުޅޭ ޝަކުވާ ފޯމްތައް ފުރަމުންދާ ވާހަކަ އަޑު އިވޭ ކަމަށާ އެއީ އެގޮތަށް ފުރުވޭނެ އެއްޗެއް ނޫންކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަންވެސް ކުރަމުންދަނީ މައްސަލައެއް އުފައްދަން އުޅޭ ޒާތަކަށްކަން ތައުފީގް ވަނީ ފާހަގަ ކުރައްވާފައެވެ.

ތައުފީގު ވިދާޅުވީ އެގޮތަށް ހުށަހަޅާ ޝަކުވަތައް އެއީ ހަގީގީ އިންތިޚާބީ ޝަކުވާގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. ތައުފީގު ވަނީ އެފަދަ ގޮތްގޮތަށް ހުށަހަޅާ ޝަކުވާ ތަކަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އިންތިޚާބާ ކުޅުމަކީ ރައްޔިތުން ވޯޓުލައިގެން ތަނަވަސް އަޣުލަބިއްޔަތަކުން ހޮވިވަޑައިގެންނެވި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ތައުފީގް ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންގެ އިހުސާސްތަކާ ކުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ފަރާތަކުން އެފަދަ ކަމެއް ނުކުރުމަށް ތައުފީގުވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ތައުފިގު ވިދާޅުވީ ވުޖޫދުގައި ނެތް ކަންތައްތަކެއް އުފައްދައިގެން ކަންތައްތައް ގަޑުބަޑުކުރަން އުޅޭ ބަޔަކަށް އެއްވެސް ބަޔަކުވެގެން ނުވަނެ ކަމަށާ މިގައުމު ގަޑުބަޑުކޮށްފިނަމަ އެއީ އާދައިގެ ކަމެއް ނޫންކަމަށެވެ. މިފަދަ ކަންތައްތަތަކަކީ އެތައް ބައެއްގެ މަސްލަހަތާ ގުޅިފައި ހުންނަ ކަންތައްތަކެއްކަން ފާހަގަކުރައްވާ ތައުފީގު ވިދާޅުވީ މިގެ ސަބަބުން މުޅި ގައުމު ނާމާން ތަނަކަށް ވެގެން ހިނގައިދާނެ ކަމަށެވެ. އަދި އެއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ އަޑުތައް ފެތުރެމުން ދަނިކޮށް، ސިފައިން ތިއްބެވީ ރައްޔިތުންގެ ނިންމުމާ އެކު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަަމަށް ތައުފީގް ވިދާޅުވިއެވެ. އެއީ އެކަން އޮންނަންވެސް ޖެހޭނެ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީ ނަގަހައްޓާ ދަމަހައްޓަން އެންމެ އިސްކަންދޭންޖެހޭ އެއްބަޔަކީ ފުލުހުންނާ ސިފައިންނާ ދައުލަތުގެ މުއައްސަސާތައް ކަަމަށާ އެބޭފުޅުން ގާނޫނީ ޒިންމާ އަދާކުރައްވާނެ ކަމަށް ވިދާޅުވުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ތައުފީގް ވިދާޅުވިއެވެ.