Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ކެމްޕެއިން ތެރޭގައި އެޗްޑީސީން 200 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދީފި

ނިމިގެން ދިޔަ ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 200 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް އެ ކުންފުނީގެ އިސްވެރިޔަކާ ހަވާލާދީ ރާއްޖެ.އެމްވީ އިން ރިޕޯޓްކޮށްފިއެވެ.

ކެމްޕެއިންގެ އެންމެ ފަހު ދުވަސްކަމުގައިވި ބުރާސްފަތި ދުވަހު އެކަނިވެސް އެ ކުންފުނިން ގިނަ ބަޔަކަށް ވަޒީފާ ދިން ކަމަށާއި އެއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް މައުލޫމާތު ދިން ކަމަށް މައުލޫމާތު ދެއްވި ފަރާތުން ބުނެފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އެ ކުންފުންޏަށް 400 އަށް ވުރެ ގިނަ މުވައްޒަފުން ވައްދާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މުވައްޒަފުން، 200 އަށް ވުރެ ގިނަ މުވައްޒަފުން ވެއްދީ ކެމްޕެއިން ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ކެމްޕެއިންގެ އެންމެ ފަހު ބުރާސްފަތި ދުވަހު ވެސް ގިނަ އަދަދެއްގެ ބަޔަކު ކޮންޓްރެކްޓް އުސޫލުން ވައްދާފައިވާ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި ކަމަށް ހަބަރު ލިބެއެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި އެޗްޑީސީގެ އިސްވެރިން ކެމްޕެއިންގައި ހަރަކާތްތެރިވަމުން ގެންދެވިއިރު، ކެމްޕެއިންގައި އެ ކުންފުނީގެ ވަސީލަތްތަކާއި ތަކެތި ވެސް ބޭނުންކުރި ކަމަށް ތުހުމަތުކުރެ އެވެ.

ގިނަ އަދަދެއްގެ ބަޔަކަށް އަލަށް ވަޒީފާ ދިނީ އެ މީހުން ކުރާނެ މަސައްކަތެއް ވެސް ނެތި ކަމަށާއި އިތުރަށް ވަޒީފާ ދިން ކޮންމެ މީހެއްގެ އެވްރެޖް މުސާރައަކީ 10،000 ރުފިޔާ ކަމަށް ވެސް އެމީހާ މައުލޫމާތު ދީފައިވާ ކަމަށް ރާއްޖެއެމްވީ އިން ބުނެއެވެ.

ކެމްޕެއިން ތެރޭގައި އެޗްޑީސީގެ އިތުރުން އެހެން ބައެއް ކުންފުނިތަކުން ވެސް ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

ކެމްޕެއިންތެރޭގައި ވަޒީފާ ދިން މުވައްޒަފުންގެ ވަޒީފާ ދާއިމީ ކޮށްދޭނެ ކަމަށް އެ މުވައްޒަފުން ގާތު ކުންފުނީގެ ވެރިން ބުނެފައިވާ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ. ނަމަވެސް ކެމްޕެއިންއާ ދިމާކޮށް ވަޒީފާ ނުދިނުމަށާއި އެގޮތަށް ދޭ ވަޒީފާތައް ބޭނުން ނުކުރުމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.