ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އަކީ އެމަނިކުފާނުގެ އެކަނި ޕާޓީއެއް ނޫންކަމަށާއި އެއީ ޕީޕީއެމްގެ އެންމެހާ މެމްބަރުންގެ ޕާޓީއެއްކަމަށް ޕީޕީއެމްގެ ރައީސް ކަމަށް އަލަށް އިންތިހާބު ކުރެވުނު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަކީ އެޕާޓީގެ އެންމެހާ މެމްބަރުންނާއި ސަޕޯޓަރުންގެވެސް ޕާޓީ ކަމަށެވެ. މީގެ އިތުރުން މިސަރުކާރު ނޫނީ ރައްޔިތުން މިހާވަރަށް ބާރުވެރިކުރުވި ސަރުކާރެއް މިހާތަނަށް ނާންނަ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނިކުންނަނީ ގަބޫލުކުރާ އުސޫލުތަކާއި ސިފަތަކުގެ މަތީގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދުގެ ކޮންގްރެސްގައި ޕާޓީގެ ރައީސް އާއި ނައިބު ރައީސުން އަދި ކައުންސިލަށް މެމްބަރުންވަނީ އިންތިހާބު ކޮށްފައެވެ.
ޕީޕީއެމްގެ ރައީސްކަމަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރިއިރު ނައިބު ރައީސްކަމަށް އިންތިހާބު ކޮށްފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.
މިއަދު ބޭއްވުނު މި ޕާޓީގެ ކޮންގްރެސް ވަނީ މީޑިއާ އަށް ސިއްރު ކުރެވިފައެވެ. ގިނަ ބަޔަކު ފާހަގަ ކުރައްވާ ގޮތުގައި ޕާޓީގެ އެއްވެސް މެމްބަރުންނެއް ރާއްޖޭގެ އެއްވެސް ރަށަކުން ގޮސްފައެއް ނުވެއެވެ. ޕާޓީން ފާސް ކުރެވުނު ކަންތައްތަކުގެ މައުލޫމާތު ލިބުނީ ޕީޕީއެމްގެ ފޭސްބުކް ޕޭޖް އަދި ޓްވިޓާއިންނެވެ.