ފެބްރުއަރީ 5 ގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭގެ ގެއްލުން ލިބިވަޑައިގެންނެވިކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ އެނޫން ގޮތެއް ނެތިގެން، ފެބްރުއަރީ 1 ގެ ކޯޓް އަމުރާ ގުޅިގެން "ވަގުތީ ގޮތުން" އެކަންކަމުގައި އުޅުއްވި ބޭފުޅުން ނަގަން މަޖުބޫރުވެގެން ކަމަށެވެ.
"ސުޕްރީމް ކޯޓުގައި ހިނގައިދިޔަ ކަންތަކާ ގުޅިގެން އެސްއޯއީ އިއުލާނުކުރިން. އިއުލާނުކޮށްފައި ވަގުތީ ގޮތުން، އެކަންކަމުގައި އުޅުއްވި ބޭފުޅުން ނަގަން ހާލަތު މަޖުބޫރިކުރި. އެއީ މުޅި ދިވެހިރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު މަސައްކަތެއް،" ރައީސް ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހުނު ސަބަބަކީ ގާނޫނުގައި ހިނގަމުންދާ ބާރުގަދަ މާއްދާތައް ވަގުތީ ގޮތުން ނަމަވެސް ހިފެހެއްޓުމަށް ކަމަށާއި އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަމުންދިޔަ މައްސަލައިގައި އެ ބޭފުޅުން ތަހްގީގީ އިދާރާއަށް ހާޒިރު ކުރެވޭނެ ހަމަ އެއްގޮތެއް ވެސް، ގާނޫނުން ޖާގަނުދޭ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ޖެހުނީ އެހެންގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ބަލަމުންގެންދިޔައީ ކީއްވެގެންތޯ އެވަރުގެ އަމުރެއް ނުކުތީ. އެމައްސަލަތަކަށް އެމީހުން ތަހުގީގީ އިދާރާއަށް ހާޒިރު ކުރެވޭނެ ހަމަ އެއްވެސް ގޮތެއް އޭރު ގާނޫނުން ޖާގަ ނުދެނީ. އެހެންވެގެން މިދެންނެވި ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ. އެހެން ހުރި ބައެއް މާއްދާތައް ސަސްޕެންޑް ކުރުމަށްޓަކައި. އެމާއްދާތަކުގެ ބާރު ވަގުތީވގޮތުން ކަނޑުވާލުމަށްޓަކައި. އެއީ ގާނޫނުގެ ތެރެއިން ގެނެސްފައި އޮތް ފަރުވާ. އެކަމަކު އެކަންކަން ހިނގައިދިޔައިމަވެސް އަޅުގަނޑަށް އެނގޭ އޭގެ ގެއްލުން މިފަހަރުގެ އިންތިޚާބުންވެސް އަޅުގަނޑަށް ވީކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫން ހައްޔަރު ކުރެއްވީ އެމަނިކުފާނު ނޫންކަމަށެވެ. އަދި މައުމޫނަށް ހުކުމް ކުރީ ޝަރީއަތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގެ ނަތީޖާއަކަށްވީ އޭރު ވަކިކޮށްފައި ހުރި ޕާޓީގެ ރައީސް އެންމެ ފުރަތަމަ ރައީސް، ރައީސް މައުމޫންވެސް ހައްޔަރު ވެގެން ދިޔުން. އަޅުގަނޑެއް ނޫން ހައްޔަރު ކުރީކީ. ޝަރީއަތުން ހުކުމް ކުރީ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެސްއޯއީ އިއުލާންކުރިން. އިއުލާން ކޮށްފައި ވަގުތީ ގޮތުން އެކަންކަމުގައި އުޅުއްވި ބޭފުޅުން ނަގަން މަޖުބޫރު ކުރި." ރައީސް ޔާމީން ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އިއުލާންކޮށް 45 ދުވަސް ވަންދެން ދިގު ދަންމަވާލުމަށްފަހު އެ ހާލަތު ނިމުމަކަށް ގެނައީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހުއެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ ހިތްޕުޅުގެ އުދާސްތައް ބޭރުކޮށްލައްވާފައެވެ.