ޖަރުމަނު ބުންޑަސްލީގާގެ އެންމެ ކުރީގައި އުޅޭ ބަޔާން މިއުނިކު ރޭ ރަށުން ބޭރުގައި ހާތާ ބާލިން އާ ދެކޮޅަށް ކުޅެ މިސީޒަނުގައި ފުރަތަމަ ފަހަރަށް އެޓީމު ބަލިވެއްޖެއެވެ.
މިއީ ލީގުގައި އެޓީމު އެންމެފަހުން ކުޅުނު ދެމެޗުގެ ތެރެއިން މޮޅުނުވެ ނިންމާލަން ޖެހުނު ދެވަނަ މެޗެވެ. ބަޔާން އެންމެފަހުން، މިދިޔަ އަންގާރަ ދުވަހު އެލިއާންޒް އެރީނާގައި އޮގްސްބާގް އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެޓީމު 1-1 އިން އެއްވަރުވެގެންނެވެ.
ބަޔާން އިން މިމެޗަށް ނިކުތްއިރު، އަނިޔާގެ ސަބަބުން އެޓީމުގެ ކިންގްސްލީ ކޮމަން އާއި ލެއޯން ގޮރެޓްޒްކާ އަދި ރަފީނިއާގެ އިތުރުން ކޮރެންޓިން ޓޮލީސޯ ނުކުޅެއެވެ. މީގެއިތުރުން، ޖަރުމަނުގެ އިތުބާރު ޑިފެންޑަރު މެޓްސް ހުމެލްސްގެ ބަދަލުގައި ޖެރޯމް ބޯޓެން އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައިވެއެވެ.
ބާލިންގެ އޮލިމްޕިއާސްޓޭޑިއޯންގައި ކުޅުނު މިމެޗު ފެށިގެން ބަޔާން އިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. އެގޮތުން، އެޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުޞަތެއްގައި އޭނާ ބޮލުން ފޮނުވާލި ބޯޅައެއް ގޯލާއި އަމާޒުވާގޮތްނުވިއިރު ހާތާގެ ވެޑާޑް އިބިސެވިޗް ބޮލުން ފޮނުވާލި ހަމަލާއެއް ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ މަތަކޮށްފައިވެއެވެ.
ހާތާ އަށް ލީޑްނަގައިދިނީ މެޗުގެ 23 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ސަލޮމަން ކަލޫ އަށް ބަޔާންގެ ޑިފެންޑަރު ޖެރޯމް ބޯޓެން ކުރި ފައުލަކަށް ރެފްރީ މާކޯ ފްރިޓްޒް ދިން ޕެނަލްޓީއަކުން ބޮސްނިއާގެ ފޯވާޑް ވެޑާޑް އިބިސެވިޗް އެވެ.
އޭގެފަހުން، ބަޔާންގެ އާރެން ރޮބެން އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ބަޔާން އަށް ލިބުނު ފުރުޞަތުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ، ފުރަތަމަ ހާފު ނިމުމުގެކުރީން ހާތާއިން ކައުންޓަ އެޓޭކްގައި ލީޑް ފުޅާކުރުމެވެ. މެޗުގެ 44 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ އޮންޑްރޭ ޑޫޑާ އެވެ. މިއީ ލީގުގައި އޭނާ ކުޅުނު ހަމެޗުގައި ކާމިޔާބުކުރި ފަސްވަނަ ގޯލެވެ. މިހާފު ނިމުނީ 2-0 އިން ހާތާ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން، ބަޔާން އިން ގިނަ ހަމަލާތަކެއް ދިޔައީ އުފައްދަމުންނެވެ. އެގޮތުން، މިހާފު ފެށިތާ ފަސްވަރަކަށް މިނެޓުތެރޭގައި ތިއާގޯ އަލްކަންޓާރާ އަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ހާތާގެ ކުޅުންތެރިއެއް ވަނީ ދިފާއުކޮށްފައެވެ.
އޭގެފަހުން، ބަޔާންގެ ލެވަންޑޯސްކީ އާއި ހަމޭސް ރޮޑްރިގޭޒް އަދި ނިކްލަސް ސޫލޭގެ އިތުރުން ސާޖް ނެބްރީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
މިއީ ބަޔާންގެ ކޯޗުކަމާއި ކްރޮއޭޝިއާގެ ނިކޯ ކޮވަޗް ހަވާލުވެ މިހާތަނަށް ގޯލެއް ކާމިޔާބުނުކުރެވި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.
މި މެޗުން ބަލިވި ނަމަވެސް 13 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ބަޔާންއެވެ. ދެވަނައިގައި އޮތް ހާތާ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ބަޔާން އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑް އަށް 11 ޕޮއިންޓް ލިބިފައިވެއެވެ.
މިމުބާރާތުގައި މިއަދު ކުޅޭ އެންމެ ފާހަގަކޮށްލެވޭ މެޗުގައި، ޑޯޓްމުންޑް އާއި ބަޔާ ލެވަކޫސަން ބައްދަލުކުރާ މެޗު ފަށާނީ މާލޭގަޑިން މިރޭ 9:30 ގައެވެ.