Last Updated: February 13, 18:34
Thursday, February 13, 2025
ޚަބަރު

ސަރުކާރު ބަދަލުކުރުމުގެ އިސް ބޭފުޅަކަށް އަބްދުﷲ ޝާހިދު

ރިޔާސީ އިންތިހާބަށްފަހު ސަރުކާރުގެ ބާރުތައް ބަދަލު ކުރުމުގެ އިސް ބޭފުޅަކަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހަމަޖައްސަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު އިލެކްޝަން ކަމިޝަނުން އިއްލާން ކުރެއްވުމާއި ގުޅިގެން ސަރުކާރުގެ ބާރުތައް ބަދަލު ކުރުމުގެ ސިޔާސީ ކަންކަން ހަމަޖެއްސުމަށް އަބްދުﷲ ޝާހިދު ހަމަޖެއްސެވި އިރު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ އެންމެ އިސްވެރިޔާ ކަމަށްވާ ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ހުވާ އަދި ހަމަޖެހިފައިވާ ގޮތުން ކުރައްވާނީ ނޮވެމްބަރ 17 ވަނަ ދުވަހުއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ ހުވާ ކުރުމާއި ގުޅޭގޮތުން މިހާތަނަށް އިތުރު މަޝްވަރާއެއް ކުރެވިފައި ނުވާކަމަށާއި އެކަން އަދި ހަމަޖެހިފައިވަނީ ނޮވެމްބަރ 17 ވަނަ ދުވަހަށް ކަމަށެވެ.

ވެރިކަމުގެ ކަންކަން ބަދަލުވެގެންދާ ވަގުތު އުފައްދަވށ ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަކީ އިންތިހާބުވާ ރައީސަކުގެ އެދިވަޑައިގަތުމުގެ މަތިން ސިވިލް ސާވިސްއިން ހަމަޖައްސަވާ ބޭފުޅެކެވެ.