ރައީސް އަބުދުﷲ ޔާމީން އިންތިޚާބުގެ ފަހުން ދައްކަވަން ވިދާޅުވި ސޫރަ ދެން ނުދެއްކެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕަސަންގެ ނައިބު އިދާރީ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
އަލީ ނިޔާޒް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން ކުރައްވަމުން ގެންދެވި އެތައް ކަމެއް މިހާރު ނުކުރެއްވޭނެ ކަމަށެވެ. ސަބަބަކީ ރައީސްއަށް ވީތީ ސަލާމަތީ ބާރުތަކުންނާއި މުއައްސަސާތަކުން އޭރު އެއްބާރުލުން ދެއްވި ވަރަށް ގިނަ ކަންކަން ހުރި ކަމަށެވެ. ނިޔާޒް ވިދާޅުވީ އެހެން ނަމަވެސް މިހާރު ރައީސް ޔަމީނަށް އެމަގުތައް ތަނަވަސް ވެފައި ނެތް ކަމަށެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި އިލެކްޝަންސްއިން ދާއިމީ ނަތީޖާ އިއުލާނު ކުރެއްވުމާއިއެކު ސަލާމަތީ ބާރުތަކުންވެސް އެ ނަތީޖާ ގަބޫލުކޮށް ވަނީ އެންޑޯސްކޮށްފައި ކަމަށެވެ. ދެން އެއްވެސް ގޯސްކަމެއް ރޭވުމުގެ ބާރު ރައީސް ޔާމީންނަށް ނެތްކަމަށެވެ.
ނިޔާޒް ވިދާޅުވީ ރައްޔިތުން ތިމަންނާ ބަލައިނުގަތީ ކީއްވެކަން އެމަނިކުފާނަށް އެނގިވަޑައި ނުގަތަސް ހަގީގަތަކީ ވައްކަމާއި ބޭއިންސާފާއި، އަނިޔާވެރިކަމާއި ކޮރަޕްޝަން ކަމަށެވެ. ނިޔާޒު ވިދާޅުވީ އިދިކޮޅު ކޯލިޝަނަށް ރައްޔިތުން އާއެކޭ ބުނީ އިންސާފު ބޭނުންވާތީކަމަށެވެ. އަދި ވައްކަމާއި ކޮަރަޕްޝަން މި ގައުމުން ފުހެލުމަށެވެ. އެބޭފުޅުންގެ ކެމްޕެއިނުގައި ރައްޔިތުންނަށް ވީ ވައުދަކީވެސް އެއީކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް ރައީސް ޔަމީން ރަށްރަށަށް އަރައިވަޑައިގެން ރައްޔިތުންނާއި ހަމައަށް ވަޑައިނުގަންނަވާ މަޝްރޫއުތައްވެސް އިފްތިތާހުކޮށްދެއްވަނީ، ސްވިޗަކަށް އޮއްބަވާލައްވައިގެެން ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ޚުދުމުޚްތާރުކަމާއި ބޮޑާކަމާއި އެކު ރައްޔިތުންގެ ގާތަށް ނުދެވޭ ވެރިއަކަށް ވީތީ ރައްޔިތުން ރައީސް ޔާމީންނަށް ނޫނެކޭބުނަން ޖެހުނީކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ގެންދަވަނީ ހިތާމަ ކުރައްވާ ހާލު މިއަދު ރައްޔިތުން އެމަނިކުފާނަށް ނޫނެކޭ ބުނީ ކީއްވެތޯ ސުވާލު ކުރައްވަމުންނެވެ. އެ މަނިކުފާނު ކޮށްދެއްވި ކަންތަކުގެ ލިސްޓު އެފަދަ ވަގުތުތަކުގައި ވިދާޅުވަމުން ގެންދަވައެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ވިދާޅުވަމުން ގެންދަވަނީ ސަބަބަކީ އެ މަނިކުފާނުގެ އަނިޔާވެރިކަން ކަމަށެވެ. އަމިއްލަ ބޭބޭފުޅަށް ކަންތައް ކުރެއްވި ގޮތުން އެ މަނިކުފާނަށް ދިޔައީ ފާޑުވިދާޅުވަމުންނެވެ.