އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި މޮޅު ކުޅުމާއެކު ޔުވެންޓަސް އިން ފަހަތުން އަރައި ނަޕޯލީ ބަލިކޮށްފިއެވެ. ޔުވެންޓަސް އިން މިމެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުގެ މާރިއޯ މަންޒުކިޗް ދެލަނޑު ކާމިޔާބުކުރިއިރު އަނެއް ލަނޑުޖަހައިދިނީ ލިއޮނާޑޯ ބޮނޫޗީ އެވެ. ނަޕޯލީގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ޑްރައިސް މާޓެންސް އެވެ.
އެލިއާންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން 10 ވަނަ މިނެޓުގައި ނަޕޯލީ އަށް މާޓެންސް ލީޑް ނަގައިދިންއިރު 26 ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ވައްދާލައިގެން މަންޒުކިޗް ވަނީ ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި މަންޒުކިޗް ވަނީ އިތުރު ލަނޑެއް ޖަހައި ޔުވެންޓަސް އަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ. މިއީ އެޓީމުގެ ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ނަޕޯލީގެ ގޯލްކީޕަރު ޑޭވިޑް އޮސްޕީނާގެ އަތުގައި ޖެހިފައި ގޯލްގެ ދަނޑީގައި ޖެހި ނިކުތް ވަގުތު ހުހަށްހުރި މަންޒުކިޗް އެއްފަހަރުން ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ނަޕޯލީ އިން ލަނޑެއް ކާމިޔާބުކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސްއެޅުނީ، މެޗުގެ 58 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އަށް ނަޕޯލީގެ މާރިއޯ ރުއިޒް ކުރި ފައުލަކަށް ރެފްރީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
އޭގެފަހުން، ޔުވެންޓަސްގެ ޑިފެންޑަރު ބޮނޫޗީ އާއި ނަޕޯލީގެ ލޮރެންޒޯ އިންސީނޭ އާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ދެކުޅުންތެރިންނަށްވެސް ރީނދޫ ކާޑު ދައްކާފައިވެއެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ރޮނާލްޑޯ ބޮލުން ޖައްސާލި ބޯޅަ އެއް ގޯލްގެ ރޮނގުކައިރިން ވައްދާލައިގެން ބޮނޫޗީ ވަނީ ޔުވެންޓަސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ކަލިއާރީ އަތުން އިންޓަ މިލާން މޮޅުވީ 2-0 އިންނެވެ. މިމެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްގެ އިތުރުން މަޓެއޯ ޕޮލިޓާނޯ އެވެ. އިއްޔެގެ ފުރަތަމަ މެޗުގައި ރޯމާ ވަނީ 3-1 އިން ލާޒިއޯ ބަލިކޮށްފައެވެ.
އިޓާލިއަން ލީގުގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު، ޔުވެންޓަސް އަށް ވަނީ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެޓީމަށް މިހާތަނަށް ކުޅުނު 7 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު ނަޕޯލީ އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސަސުއޮލޯ އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވެއެވެ. އިންޓަ އަށް ވެސް ހަތް މެޗު ކުޅެގެން މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު ސަސުއޮލޯ އަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.