Last Updated: November 24, 23:51
Sunday, November 24, 2024

(މެއި 13، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

މި ކޮޓަރި އަށް ކޮންމެވެސް މީހަކު ވަންހެން އަހަރެންނަށް އިހްސާސް ވަނީ ކީއްވެ ބާވަ އެވެ؟ ސާހިލް ކޮޓަރީގެ އެތަން މިތަނުގައި ހިނގާލި އެވެ. އަދި އަލަމާރި ކަރިއަށް އަ އެވެ. ތަންކޮޅެއް އެތެރެއިން ރީތިކޮށް ގަނޑުލާފައިވާ ފޮތެއް ނެގިއެވެ. އަދި އެނދުމަތީ އިށީނެވެ. އަދި އެފޮތް ހުޅުވާލުމަށް ފަހު އޭގެން ފޮޓޯއެއް ނެގި އެވެ.

"ސާރާ…އަހަރެންގެ ކައިރީ ވާކަން އަހަރެންނަށް އިހްސާސް ކުރެވެނީ ކީއްވެ؟" ސާހިލްގެ މި ޖުމްލަ އިން އަލަމާރި ކައިރީ ފިލާ ހުރި ސާރާ އަށް ސިހުމެއް ލިބުނެވެ. އޭނާ އަށް ސާރާ މި ނަން ސާހިލް އަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ސާރާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔަ އެވެ.

އޭނާގެ ޝައްކު ޔަގީން ކަމަށް ބަދަލުވީ އެވެ. އާނއެކެވެ. އެއީ އޭނާގެ ސޫރަޖް ނޫން ދެވަނަ މީހެއް ނޫނެވެ. ސާރާ ދުވެފައި ގޮސް ކައިރީގައި އިން ސާހިލްގެ ގައިގައި އޮޅުލައިގެންފާނަމޭ ހިތަށް އެރިއެވެ. އެހެނަސް އޭނާ ހިމޭނުން ހުއްޓެވެ. ސާހިލް ވަރަށް ގިނަ ޝަކުވާ އެ ފޮޓޯ އާ ކުރިއެވެ. އަދި ވަރަށް ލޯބިން އެ ފޮޓޯގައި ބޮސް ދިނެވެ. ފޮޓޯ އެނދުމަތީ ބާއްވާފައި ސާހިލް ކުޑަދޮރު ކައިރި އަށް ދިޔަ އެވެ. އަދި ބޭރަށް ނަޒަރު ހުއްޓާލި އެވެ.

ސާރާ އެނދު ކައިރިއަށް އައިސް އެ ފޮޓޯ ނަގައި ބަލާލި އެވެ. އާނއެކެވެ. އެއީ ހަމަ އޭނާގެ ކުރީގެ ފޮޓޯއެކެވެ. އެ ފޮޓޯ ކައިރީ ވަރަށް ރީތި ގަނޑެއްލާފައިވާ މަހުމާ ފޮތެއް އޮތެވެ. އެވަގުތު ސާހިލް އެނބުރިލި އެވެ. އަނެއްކާ ވެސް ސާރާ ކުރީގައި ހުރި ތަނަށް ދިޔަ އެވެ.

ސާހިލް އެ ފޮތް ނަގާ އެ ފޮޓޯ ފޮތުގެ ތެރެއަށްލި އެވެ. އަދި އެ ފޮތް ކަބަޑު ތެރެއަށްލާފައި ދޮރު ލައްޕާލި އެވެ. މަޑު ހިނގުމެއްގައި ސާހިލް ކޮޓަރިން ނިކުތެވެ. ލިބުނު ރަނުގެ ފުރުސަތު ސާރާ ވަރަށް ރަނގަޅަށް ބޭނުން ކުރި އެވެ. ސާރާ ސާހިލްގެ އަލަމާރި ތެރެއިން އެ ފޮތް ނެގި އެވެ. އަދި މަޑުމަޑުން ދޮރު ހުޅުވާލުމަށް ފަހު ކޮޓަރިން ބޭރަށް ނިކުމެ ހަލުއިކޮށް ހިނގާފައި ގޮސް އޭނާގެ ކޮޓަރި އަށް ވަދެ ހަމަޖެހިލައިގެން އިށީނެވެ. އަދި މަޑުމަޑުން ފޮތް ހުޅުވާލި އެވެ.

ސާރާގެ ކުރިމަތީ ހާމަވެގެން ދިޔައީ އެ މީހުން ކުޑަ އިރު ހިނގާފައިވާ ތަފާތު ހާދިސާތަކެވެ. މަޖާ ކަންތަކެވެ. ސޫރަޖް އާ ދެ މީހުން ކުޅެން އުޅުނު ދުވަސްތަކެވެ.
އަަހަރެން ސާރާމެންގެ އަށް ދިޔައީ ސާރާ ދެކިލާ ހިތުންނެވެ. ހިތް އެދި އެކަމަށް ގޮވާތީއެވެ. ކަރީމްބެމެން ސާރާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އިރު އަހަރެންވެސް ދިޔައީ މެވެ. ޑރ. ސަލީމު ސާރާ އަށް ލޮލެއް ލިބުމުން ލޯ ރަނގަޅު ވާނެ ވާހަކަ ބުންޏެވެ. އެ ދުވަހު އަހަރެން ސާރާ އށް އަހަރެންގެ ލޯ ހަދިޔާ ކުރަން ނިންމީމެވެ. މިއޮތް ހުރިހާ ދުވަހު ސާރާ ބަލަމުން ދިޔައީ އަހަރެންގެ ލޮލުންނެވެ. ވީއިރު މިއީ ސާރާގެ އެއްޗެކެވެ. އަހަރެންގެ އަތުގައިވާ ސާރާގެ އަމާނާތެކެވެ.

ސާރާ އެ ފޮތް އޭނާގެ މޭގައި ޖައްސާލި އެވެ. އެންމެ ފަހުން އޭނާ އަށް ލޮލުގެ ފެނުން ލިބުމަށް މެދުވެރިވި އިންސާނާ އޭނާ އަށް ފެނުނީ އެވެ.
ޑރ. ސަލީމު ކައިރީ އަހަރެންގެ ލޯ ނަގާފައި ސާރާ އަށް ދިނުމަށް އެދުނީމެވެ. ނަމަވެސް ޑރ. ސަލީމު ކަނޑައެޅިގެން މިކަމާ ދެކޮޅު ހެދި އެވެ. އެކަމަކު އަހަރެން އުއްމީދު ކަނޑައެއްނުލަމެވެ. ޑރ. އަނޫޕަމް ކައިރީ ވާހަކަ ދެއްްކީމެވެ. ތަފާތު އެތައް ވާހަކައަކަށް ފަހު ޑރ. އަނޫޕަމް އެއްބަސް ވިއެވެ. އަދި ކަންތަށް ކުރަންވާގޮތް ކިޔާދިނެވެ.

"ސޫރަޖް…ތި ހަދިޔާ ކުރަނީ އެ މީހުންނަށް ތިޔަ ޤުރުބާނީ އެނގޭތަ؟" ޑރ. އަނޫޕަމް ސޫރަޖް އާ ސުވާލު ކުރި އެވެ.

"ނޫން… ޑޮކްޓަރު…މިއީ ސިއްރެއް…ޕްލީޒް…މިކަމުގައި ކޮންމެ ފަދަ ގޮތެއް ވިޔަސް މިކަންތައް ކުރީ އަހަރެންކަން އެނގިގެން ނުވާނެ. ވަޢުދުވޭ. ސާރާގެ ލޮލަށް އަލިކަން ލިބުމަކީ އަހަރެންގެ މަޤުސަދު. ސާރާއަކީ އަހަރެންގެ ދިރުން. ޑޮކްޓަރު އަހަރެން ސާރާ ދެކެ ވަރަށް ލޯބިވޭ. އަހަރެން އިންޑިޔާ އަށް އައި ގޮތަށް މަންމަމެނާ ބައްދަލު ކުރިން. އަހަރެން ނިންމި ގޮތް މަންމަމެން ކައިރީ ބުނުމާއެކު މުޅި ގޭތެރެ ބަނަވި. އެއްވެސް މީހަކު ތިމާގެ ދަރީގެ ދުނިޔެ ބަނަކޮށްފަ އަނެކަކުގެ ގޭގެ ހުޅުކޮޅު ދިއްލާކަށް ނުރުހޭނެ."

"ސޫރަޖް…ދަރިފުޅާ…ތި ކަހަލަ ވާހަކަ ނުދައްކާ. ދަރިފުޅުގެ ތިޔަ ޤުރުބާނީއަކާ މަންމަމެންނަށް ނުރުހެވޭނެ. ތިއީ މޮޔަ ކަމެެއް." ޙާލިދާ ގިސްލާ ރޮމުން ދިޔަ އެވެ. ސޫރަޖްގެ ބައްޕަ އެއްވެސް އެއްޗެކޭ ނުބުނެ ސޯފާގައި އިށީދެގެން އިނެވެ.

"ބައްލަވާ…ސޫރަޖް އަށް ވިސްނައިދީ…މީނަ މި ކުރަނީ ކޮންފަދަ މޮޔަ ތާކުންތާކު ނުޖެހޭ ޙިޔާލެއް؟ މިކަން އަޑުއިވުމުގެ ކުރިން އަހަރެން މަރު ނުވީ ކީއްވެބާ." ޙާލިދާ ނަސީމުގެ ކާރީ އިށީންނަމުން ޝަކުވާ ކުރި އެވެ.

"ޙާލިދާ…ފުރަތަމަ މިކަން ހުރި ގޮތް ބަލަން އަހަރެމެން ދެ މީހުން މަދުރާއީ އަށް ދާން ހިނގާ…ޑރ. އަނޫޕަމް ރަނގަޅު ޙިޔާލެއް ދީފާނެ ތޯއްޗެއް. ފަހަރެއްގަ ސާރާ އަށް އެހެން ލޮލެއް ލިބުން ވެސް އެކަށީގެންވޭ."

(ނުނިމޭ)