Last Updated: November 29, 05:46
Friday, November 29, 2024
ޚަބަރު

ގއ. އަތޮޅު ކައުންސިލްގެ އިސް ދެ މުވައްޒަފުންގެ ސަސްޕެންޝަން ބާތިލުކޮށްފި

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ކައުންސިލް އިދާރާ. ފޮޓޯ: ރާއްޖެއެމްވީ

ރިޔާސީ އިންތިހާބާ ދިމާކޮށް ސަސްޕެންޑް ކުރި ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ އާއި އެ އޮފީހުގެ އިސް މުވައްޒަފުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ނަސީރު އަލީ އާއި އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ހަސަން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. ސިވިލް ސާވިސް ކޮމިޝަނުން އެ ދެ ބޭފުޅުން ސަސްޕެންޑް ކޮށްފައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދައުލަތުގެ މުދަލާއި ތަކެތި ސިޔާސީ ބޭނުމަށް، ބޭނުން ކުރި ކަމަށް ކުރި ތުހުމަތަކާ ގުޅިގެންނެވެ.

އެ ދެ ބޭފުޅުންނަށް ސިވިލްސާވިސް ކޮމިޝަނުން ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާތީ، މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް މަސައްކަތަށް ނުކުތުން މަނާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ދެ ބޭފުޅުންގެ ސަސްޕެންޝަން އުވާލައި، ހޯމަ ދުވަހުން ފެށިގެން މަސައްކަތަށް ނުކުތުމުގެ ހުއްދަ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.