ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށް ދިނުމަށް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓްރީންނަށް އިއްޔެ އަންގައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު އިއްޔެ ވަނީ ޕާމަނަންޓް ސެކްރެޓްރީންނާ އެކު ބައްދަލުވުމެއް ބާއްވަވާ މަޝްވަރާ ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޑރ. ޝަމީމު ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާ ވެސް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދިއުމަށް ސިވިލް ސާވެންޓުންނާއި އެ ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ވެރިކަން ބަދަލުވާ މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދިއުމުގައި ޕާމަނަންޓް ސެކްރެޓަރީންގެ އެއްބާރުލުން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ މަރުހަލާގައި ކަން ކުރުމަށް ގާނޫނުގައި އަންގާފައިވާ ގޮތްތަކުގެ މައުލޫމާތު ހިއްސާ ކުރި ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ބެލެހެއްޓުމަށް އިބޫގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) އެވެ. ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުން އެދިއްޖެ ހިނދެއްގައި އިންތިހާބީ ރައީސަކަށް މަސައްކަތް ކުރާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއިން ބުއިމާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސައިދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.
ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.