އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ސަސުއޮލޯ ބަލިކޮށް އޭސީ މިލާން ވަނީ އެޓީމު މޮޅުނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ.
ސަސުއޮލޯގެ ދަނޑުގައި ކުޅުނު މިމެޗު މިލާނުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މިއީ ލީގުގައި އެޓީމު އެންމެފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ. އޭގެކުރީން ކުޅުނު ތިން މެޗުން އެއްވަރުވެފައިވާއިރު އެޓީމު އެންމެފަހުން މޮޅުވީ ލީގުގެ ދެވަނަ މެޗުގައި ރޯމާ އަތުންނެވެ.
މިމެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި މިލާނަށް ލިބުނު ފުރަތަމަ ފުރުޞަތުގައި ސޫސޯ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައިވެއެވެ.
މިހާފުގައި ސަސުއޮލޯ އަށް ލިބުނު ފުރަތަމަ ފުރުޞަތުގައި މެޗުގެ 31 ވަނަ މިނެޓުގައި އެޓީމުގެ ފެޑެރީކޯ ޑި ފްރާންޗެސްކޯ ފޮނުވާލި ބޯޅަ މިލާންގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 39 ވަނަ މިނެޓުގައި، މިލާނަށް ލީޑްނަގައިދިނީ ފްރޭންކް ކެސީ ކާމިޔާބުކުރި ރީތި ގޯލަކުންނެވެ. އޭގެ ކުޑައިރުކޮޅެއް ކުރީން، ލިބުނު ފުރުޞަތެއްގައި އޭނާ ފޮނުވާލި ބޯޅަ ސަސުއޮލޯގެ ކުޅުންތެރިއަކު ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައިވެއެވެ. މިހާފު ނިމުނީ 1-0 އިން މިލާން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ފަނަރަ ވަރަކަށް މިނެޓުގެތެރޭގައި، މިލާން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ޖިއަކޮމޯ ބޮނަވެންޗޫރާ ތަނަވަސްކުރި ފުރުޞަތަކުން ސޫސޯ އެޓީމުގެ ދެވަނަ ލަނޑުޖަހައިދިންއިރު މެޗުގެ 60 ވަނަ މިނެޓުގައި ހަކާން ޗަލްނަހޮގްލޫ ދިން ބޯޅައަކުން ސަމޫ ކަސްޓިލެހޯ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
މިމެޗުގައި ސަސުއޮލޯ އިން ކާމިޔާބުކުރި ހަމައެކަނި ގޯލް، މެޗުގެ 68 ވަނަ މިނެޓުގައި ޖަހައިދިނީ ފިލިޕް ޖުރިޗިޗް އެވެ. މިއީ އެޓީމުގެ ރޮޖޭރިއޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ސަސުއޮލޯގެ ކޫމާ ބާބަކަރް އަށް ލަނޑުޖެހުމަށް ލިބުނު ދެ ފުރުޞަތުގައި ވެސް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.
މިމެޗުގެ އިތުރު ވަގުތުގައި، ސޫސޯ ވަނީ އިތުރު ލަނޑެއްޖަހައި މިލާނަށް އަލުން ތިން ލަނޑުގެ ލީޑް ހޯދައިދީފައެވެ. މިއީ ގޯލެއްކަން ޔަޤީންކުރުމަށް މިމެޗުގެ ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދައިފައެވެ. ވީޑިއޯ ރީޕްލޭ ބެލުމަށްފަހު ރެފްރީގެ ނިންމުން ބަދަލުކޮށްފައެއްނުވެއެވެ.
މިމެޗުން ބަލިވި ސަސުއޮލޯ ވަނީ ތާވަލްގެ ފަސްވަނަ އަށް ވެއްޓިފައެވެ. މިލާން ވަނީ މިމެޗުން ހޯދީ މޮޅާއެކު 9 ޕޮއިންޓް ހަމަކޮށް ތާވަލްގެ 10 ވަނައަށް ޖެހިލައިފައެވެ. އަދިވެސް ތާވަލްގެ އެންމެ ކުރީގައި އުޅެނީ އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް އެވެ. އެޓީމަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކަށް ބަލާއިރު، ބޮލޯނިއާ އަތުން 2-1 އިން އުދިނޭޒީ ބަލިވިއިރު ފްރޮސިނޯނޭ އަތުން ރަށުން ބޭރުގައި ޖެނޯއާ މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ޕާމާ އަތުން 1-0 އިން އެމްޕޯލީ ބަލިވިއިރު ކިއޭވޯ ވެރޯނާ އަތުން ޓޮރީނޯ މޮޅުވީވެސް 1-0 އިންނެވެ. މީގެއިތުރުން، ފިއޮރެންޓީނާ ވަނީ 2-0 އިން އެޓަލާންޓާ ބަލިކޮށް ލީގުގެ ތިންވަނަ އަށް ޖެހިލައިފައެވެ.