އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އައްޔަންކޮށްފި އެވެ.
އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ސީއެސްސީގެ ރައީސް އަލީ ޝަމީމް ވަނީ ޑީޓީޖީގެ މަގާމަށް ހަމަޖެއްސި ކަމުގެ ލިޔުން، ލަތީފްއާއި ހަވާލުކުރައްވާފައެވެ.
ސީވީޑް ލަތީފަކީ ރާއްޖެއިން ޗައިނާއަށް ކުރިން ކަނޑައަޅާފައި ހުރި ސަފީރެވެ. މިހާރު އޮލިމްޕިކް ކޮމެޓީގެ ނައިބު ރައީސެވެ. އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެ އެވެ.
ޑީޖީޓީ ވާނީ ސިވިލް ސާވިސްގެ މުވައްޒަފަކަށެވެ. ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުން، އިންތިހާބީ ރައީސަށް މަސައްކަތް ކުރައްވާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއުންބުއިމާއި ދިރިއުޅުއްވުމުގެ ހަރަދު ހަމަޖައްސައި ދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.
ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށް ދިނުމަށް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓްރީންނަށް ވެސް ވަނީ އިއްޔެ އަންގާފައެވެ.
ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތްޕުޅުން ސިޔާސީ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވުމަށް ހަމަޖައްސަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.