ފެންނަމުން ދަނީ ވަރަށް އުޖާލާ މަންޒަރެއް ކަމަށާއި ހުރިހާ ކަމެއްވެސް މިހާރު ދަނީ ހަމަ މަގަށް އެޅެމުން ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
މިއަދު ހައި ކޯޓްގައި ބޭއްވި އަޑުއެހުންތައް ނިންމާލުމަށްފަހު ބޭރަށް ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ފާރިސް ވިދާޅުވީ، އޭނާއާމެދު ކުރެވިފައިވާ ތުހުމަތުތަކާއި ތަހުގީގީ އިދާރާތަކުން މަސައްކަތް ކޮށްފައިވަނީ އެންމެ ފުރަތަމަ ދުވަހުވެސް ވިދާޅުވި ފަދައިން ސިޔާސީ ނުފޫޒުގެ ދަށުން ކަމަށެވެ.
މިއަދު ބޭއްވުނު އަޑުއެހުމަކީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ފާރިސް ހަތަރު މަހާ 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތަކެވެ.
ކުރިއަށް އޮތް ތަނުގައި މިކަންކަން ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި ސިޔާސީ ނުފޫޒުން އެއްކިބާވެ ތަހްގީގީ އިދާރާތައް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފުރަތަމަ ދުވަހުވެސް އުންމީދު ކުރި ގޮތަށް މިކަންކަން ހައްލުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އެދުނުވަރަށްވުރެ ތަންކޮޅެއް ގިނަ ދުވަސް ނަގައިފި، އެހެން ނަމަވެސް މިހާރު ހުރިހާ ކަމެއްވެސް ހަމަ މަގަށް އެޅެމުން މިދަނީ، މިވަގުތުން އަޅުގަނޑުމެންނަށް ވަރަށް އުޖާލާ މަންޒަރެއް ފެންނަމުން މިދަނީ،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ، ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ އަދި ވަރަށް ބުރަ ކަމަށާއި މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭނެ މަސައްކަތްތަކާމެދު މިހާރުވެސް ވިސްނައި އެހން މެންބަރުންނާވެސް މަޝްވަރާ ކުރަމުން ގެންދަވާ ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫއާވެސް ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިއްޖެނަމަ ވަރަށް އަވަހަށް ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.