އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖޭގެ މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގަށް ވަޑައިގެން އެކުންފުނީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.
މިއަދަކީ ދިރާގުގެ 30 ވަނަ އަހަރީ ދުވަހެވެ. އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ދިރާގުގެ އިސްވެރިންނާއި ބައްދަލު ކުރެއްވީ އެ ކުންފުނީގެ މައި އޮފީހަށް ވަޑައިގެންނެވެ.
ދިރާގުން ދަނީ އެކުންފުނީގެ 30 ވަނަ އަހަރީ ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ. ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯނުގެ ހިދުމަތާއި އިންޓަރނެޓްގެ ހިދްމަތް ދެމުންދާ ކުންފުންޏެވެ. މީގެ އިތުރުން ކޭބަލް ޓީވީގެ ހިދުމަތް ވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިރާގުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ދިރާގަށް ވަޑައިގެން
މިދިއަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކަށް ޒިޔާރަތް ކުރައްވާ އޮފީސްތަކުގެ އިސްވެރިންގެ އިތުރުން މުވައްޒަފުންނާ ވެސް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.
ދިރާގުގެ އޮފިޝަލް ޓްވީޓާގައި ވަނީ އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) އެ ކުންފުންޏަށް ޒިޔާރަތް ކުރެއްވުމުން އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.