ވެރިކަމުގެ ދައުރުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާތީ އެކަމަށް ތަފާތު އެކި ފަހަރު މަތިން މަލާމާތާއި ފުރައްސާރަ ކުރެއްވި ރައީސް އަބްދުﷲ ޔާމީން ވެސް އެންމެ ފަހުން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން މުޒާހަރާއަށް ނިކުތުމަށް ގޮވާލައްވައިފިއެވެ.
ރޭ ޕީޕީއެމުން 50 އެއްހާ މީހުންނާއި އެކު ބޭއްވި ކުޑަ އެއްވުމެއްގައި ވާހަކަ ދައްކަވަމުން މުޒާހަރާއަށް ނިކުތުމަށް ރައީސް ޔާމީން ގޮވާލެއްވީ އިލެކްޝަންސް ކޮމިޝަނުން ވޯޓު "އޮޅުވާލާފައިވާ" ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
ފާއިތުވި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ހުރަސް އަޅާފައެވެ.
އަދި ޚުދު އެމަނިކުފާނު ވެސް ވަނީ އެކި ރަސްމިއްޔާތު ތަކުގައި ވާހަކަ ދައްކަވަމުން މުޒާހަރާ ކުރާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފާއިތުވި އޯގަސްޓް މަހުގެ ތެރޭގައި ތ.ގުރައިދޫގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ، "ކައްވަޅުގައި އޮވެގެން ވެސް އެމްޑީޕީ މީހުން ކުރާނީ މުޒާހަރާ ކަމަށް" ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން ސެޕްޓެމްބަރު 18 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ "އަބަދުވެސް ތަންތަނަށް އެއް ނުވެވިގެން އެވާހަކަ ދައްކާ ކަމަށާއި، ތަންތަނަށް އެއްވާން ބޭނުންނަމަ ހައްޖަށް ދާންވީ ނޫންތޯ" ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.