ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާ ނުވަތަ ޔޫރަޕިއަން ގޯލްޑެން ބޯއީ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި، ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ދެވަނަ ފަހަރަށް ހިމެނިއްޖެއެވެ.
އިޓަލީގެ ނޫހެއްކަމަށްވާ ޓުޓޯސްޕޯޓް އިން 2003 ވަނަ އަހަރު ތައާރަފްކުރި މިއެވޯޑަކީ ޔޫރަޕްގެ 21 އަހަރުންދަށުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވުމަށްފަހު ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.
ނިމިދިޔަ އަހަރުގައި މިއެވޯޑް ހޯދައިފައިވާ އެމްބާޕޭ މިފަހަރުވެސް ނޮމިނޭޓްވެފައިވާއިރު، އޭނާ ވަނީ އެންމެ ފަހުގެ ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދައްކާ އެމުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމްވެސް ހޯދައިފައެވެ. އެގޮތުން، މިއަހަރުގެ އެވޯޑް އޭނާ ހޯދައިފިނަމަ ވެގެންދާނީ ދެފަހަރަށް މި މަޤާމް ހާސިލްކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މިފަހަރުގެ ގޯލްޑަން ބޯއީ އެވޯޑަށް ޝޯޓްލިސްޓްކޮށްފައިވާ 40 ކުޅުންތެރިންގެ ތެރޭގައި، ލިވަޕޫލަށް ކުޅޭ އިންގްލެންޑްގެ ފުލްބެކް ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އާއި މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން އަދި އެވަޓަންގެ މިޑްފީލްޑަރު ޓޮމް ޑޭވީސްގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރު ޑިއޯގޯ ޑަލޮޓް އަދި ބޮރޫޝިއާ ޑޯޓްމުންޑް އަށް ކުޅޭ އެމެރިކާގެ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗް ހިމެނެއެވެ.
އުމުރުން 19 އަހަރުގެ އަލެގްޒެންޑާ އާނޯލްޑް ވަނީ ނިމިދިޔަ ސީޒަނުގައި ލިވަޕޫލާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރުމުގެ އިތުރުން އެންމެފަހުގެ ވޯލްޑްކަޕްގައި ކުޅުނު އިންގްލެންޑްގެ ސްކޮޑުން ޖާގަ ހޯދައިފައިވެއެވެ.
ސިޓީ އަށް ކުޅޭ، އުމުރުން 18 އަހަރުގެ ފޯޑެން އަދި މިހާތަނަށް ސީނިއަ ޤައުމީޓީމަށް މެޗެއް ކުޅެފައިނުވީނަމަވެސް މިދިޔަ އަހަރުގައި ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑްކަޕްގައި ގޯލްޑަން ބޯލް ހޯދައިފައިވެއެވެ. މީގެއިތުރުން، އޭނާ ވަނީ މިދިޔަ ބުދަ ދުވަހު ކުޅުނު ކަރަބާއޯ ކަޕް މެޗުގައި އޮކްސްފޯޑް ކޮޅަށް ސިޓީ އިން ވައްދާލި ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މިއީ އޭނާގެ ކްލަބު ކެރިއަރުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މީގެކުރީން، މިއެވޯޑް ހޯދައިފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އުމުރުން 19 އަހަރުގެ އެމްބާޕޭ އާއެކު ޕީއެސްޖީ އަށް ކުޅެމުންދާ ނޭމާ އާއި އެޑިންސަން ކަވާނީ އަދި ބާސެލޯނާގެ ލިއޮނަލް މެސީ އަދި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާގެ އިތުރުން އިންގްލެންޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ހިމެނެއެވެ.