އައްޑޫގައި ހުރި ވިޔަފާރި އާއި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ ގޮތުން އިންވެސްޓަރުންނަށް އަމާޒުކޮށްގެން "އިންވެސްޓަ ފޯރަމެއް" އައްޑޫގައި ބޭއްވުމަށް އެމެރިކާ އެމްބަސީ އެހީތެރިވެދޭން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން އިއްޔެ ވަނީ އެމެރިކާ އެމްބަސީގެ އިކޮނޮމިކް ކައުންސިލަރު އެލިސަން އެރިއަސް އާ އެކު ކައުންސިލް އިދާރާގައި މިކަމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކޮށްފަ އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އެލިސަންއާ އެކު ބޭއްވި ބައްދަލުވުމުގައި، އައްޑޫގައި ހުރި ވިޔަފާރީގެ ގިނަ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އަދި އެމެރިކާގެ ކުންފުންޏަކުން ރާއްޖޭގައި ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ރާވަމުން އަންނާތީ އެ ޕްރޮޖެކްޓްގައި ހައުސިން ލޯންގެ ދަށުން، އައްޑޫގައި ވެސް ގެދޮރު އިމާރާތް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫގައި ހުރި ފަޅު ރަށްތަކުގައި އިންވެސްޓްކޮށްގެންނާއި އައްޑޫގައި ކުރެވެން ހުރި އެހެނިހެން ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ ގޮތުން ވަރަށް ފުޅާކޮށް ވާހަކަ ދެކެވުނު ކަމަށެވެ.
އެގޮތުން އިންވެސްޓަރުންގެ ފޯރަމެއް ކައިރި މުސްތަގަބްލެއްގައި އައްޑޫގައި އިންތިޒާމްކޮށް ދިނުމަށާާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންވެސްޓަރުންނާ ވާހަކަ ދެއްކޭނެ ފުރުސަތުތަކެއް ވެސް ހޯދައި ދިނުމަށް ރިކްއެސްޓްކޮށްފައި ވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އަދި ޔޫއެސް އެމްބަސީން މިކަމަށް މަސައްކަތްކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެެއްވި ކަމަށް ސޯބެ ވިދާޅުވި އެވެ.