ރައީސް ޔާމީން އުޅުއްވާ ގޮތުން ހިނި އަންނަނީ ކަމަށާއި 5 އަހަރުގެ ވެރިކަން ރައްޔިތުން ހަވާލުކުރި ގޮތަށް ކުރެއްވިނަމަ މިއަދު އެހެން އުޅުއްވަން ނުޖެހޭނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
23 ސެޕްޓެމްބަރުގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުން ނުކުތް ނަތީޖާއާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ސަޕޯޓަރުންގެ ބަޔަކާއެކު ރައީސް ޔާމީން މަގުމައްޗަށް ނުކުމެވަޑައިގެން މުޒާހަރާ ކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. މުހަންމަދު ޖަމީލު އަހްމަދު ވިދާޅުވެފައިވަނީ، ރައީސް ޔާމީން އެގޮތަށް މުޒާހަރާ ކުރެއްވުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ.
RY ulhuhvaa gothun hini annanee. 5 aharu verikan rayyithun havaalu kuri gothah kurehvinama miadhu thiyahen ulhuhvan nujeheyne. Manikfaan thiya gothah muzaaharaa kurehvumakee varah huthuru kameh. Thikan kurahvaa hihvannaa hahjjah vadaigannavan vee noonthoa? pic.twitter.com/rvnojGtpuj
— Mohamed Jameel Ahmed (@MJameelAhmed) October 1, 2018
"ރައީސް ޔާމީން އުޅުއްވާގޮތުން ހިނި އަންނަނީ. ފަސްއަހަރު ވެރިކަން ރައްޔިތުން ހަވާލުކުރި ގޮތަށް ކުރެއްވިނަމަ މިއަދު ތިޔަހެން އުޅުއްވަން ނުޖެހޭނެ. މަނިކުފާނު ތިޔަގޮތަށް މުޒާހަރާ ކުރެއްވުމަކީ ވަރަށް ހުތުރު ކަމެއް. ތިކަން ކުރައްވާހިތްވަންޏާ ހައްޖަށް ވަޑައިގަންނަވަންވީ ނޫންތޯ؟" ޓްވީޓްގައި ޑރ. ޖަމީލު ވިދާޅުވެފައި ވެއެވެ.
ހޯމަ ދުވަހުގެ ރޭ ޕީޕީއެމުން ކުރިޔަށް ގެންދެވި މުޒާހަރާގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގައި ރައީސަކު ހުންނަވައިގެން އިންތިޚާބެއްގައި ވާދަ ކުރުމުން ދެރަވަރު ނަތީޖާއެއް ލިބިއްޖެ ނަމަ ފަހަތު ފައިގައި ހުންނަވައިގެން މަސައްކަތްކުރައްވަން ވަރަށް އުނދަގޫވާނެ ކަމަށެވެ.