އިންސާފުން އެއްކިބާވުމަށް ޑީލެއް ހައްދަވަން އުޅުއްވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނާ އެކު ގާނޫނާ ޚިލާފު އެއްވެސް "ޑީލެއް" ނުހައްދަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ފަހު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އިބޫ ވަނީ، ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅުކުރެއްވުމަށް ފަހު، ރޭ ކުއްލި ގޮތަކަށް މުޒާހަރާ އަށް ނުކުމެވަޑައިގަތުމުން ފާޑުވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ބޭނުންފުޅަކީ މުޒާހަރާކުރައްވައިގެން، އެމަނިކުފާނަށް ތުހުމަތުކުރާ ގާނޫނާ ޚިލާފު ކަންކަމުން ރެކިވަޑައިގަނެ ނުވަތަ "ޑީލެއްގެ" ދަށުން ނަމަވެސް އިންސާފާ ކުރިމަތި ނުލެއްވޭނެ ގޮތެއް ހޯއްދެވުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެފަދަ ޑީލެއް ރައީސް ޔާމީނާއެކު ހައްދަވާފާނެތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ގާނޫނީ އިމުން ބޭރުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް މީހަކު ގާނޫނާ ޚިލާފު އަމަލެއް ހިންގައި މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައި އޮވެއްޖެ ނަމަ އެކަން މުއައްސަސާތަކުން ބަލަން ޖެހޭނެ އެވެ. އަދި ވަކި މީހަކީ ގާނޫނު ނުހިނގާ ނުވަތަ އިސްތިސްނާކުރެވޭނެ މީހެއް ނޫން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީއަކީ އެ ކަހަލަ ޑީލަކަށް ދާކަށެއް ނޫން. އަޅުގަނޑުމެންގެ ކުރިމަތީގައި އޮންނާނީ ގާނޫނުއަސާސީ އާއި ގާނޫނުތައް. ދެން އޮތީ ރައްޔިތުންގެ ނިންމުން. އެއާއެކީގައި ކުރިއަށް ދާނީ. އެއްވެސް ހާލެއްގައި ޑީލެއް ހަދައިގެން މިކަން ހައްލުކުރާކަށް ނޫން އަޅުގަނޑުމެން މިތިބީ،" އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅަށް ތާއީދު ކުރައްވައި މައުމޫން ވެސް ވިދާޅުވީ ކޯލިޝަން ސަރުކާރު ދެމިއޮންނާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އެންމެ މަސްލަހަތު ހުރި ގޮތަކީ ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި، ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގަތުން ކަމަށް މައުމޫން ވިދާޅުވި އެވެ.