2019 އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތާބެހޭ ގޮތުން ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައެވެ. އެ އިއުލާނުގައި ވަނީ މި އޮކްޓޯބަރު މަހުގެ 21 ވާ އާދިއްތަ ދުވަހުގެ ހަވީރު 3:00ގެ ނިޔަލަށް އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓާއިމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. ޝަކުވާ ހުށަހެޅޭނީ 21 ވަނަ ދުވަހުގެ ކުރިން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 3:00އަށް އިލެކްޝަންސް ކޮމިޝަންގެ 5 ވަނަ ފަންގިފިލާއިން ކަމަށް އެކޮމިޝަނުން ކުރި އިއުލާނުގައިވެއެވެ. މި ރިޕޯޓް ވަނީ މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގައި 85 އިންތިޚާބީ ދާއިރާ ހިމެނޭ ނަމަވެސް އަންނަ ދައުރުގައި 87 ދާއިރާ ހިމެނޭނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ އިންތިޚާބީ ދާއިރާތަކާއި ބެހޭ ރިޕޯޓުގައިވާ ގޮތުން ދެ ގޮނޑިއެއް އިތުރުވަނީ ހަމައެކަނި މާލެއަށެވެ. އެހެން ސަރަހައްދެއްގެ އިންތިޚާބީ ދާއިރާތަކަށް ބަދަލު އައިސްފައެއް ނުވެއެވެ. އަލަށް ގެނެވޭ ބަދަލާއިއެކު މާލޭ ސިޓީގެ ދާއިރާތަކުގެ އަދަދު 15 އަށް އިތުރު ވެގެންދާނެއެވެ. އައްޑޫ ސިޓީގައި އިންތިޚާބީ ހަތް ދާއިރާ ހިމެނޭއިރު ފުވައްމުލައް ސިޓީގައި ހިމެނެނީ ތިން ދާއިރާއެވެ. މިއީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެ ދެ ސިޓީގައި އިންތިޚާބީ ދާއިރާތައް ބެހިފައިވާ ގޮތެވެ.
މިހާރު އަމަލުކުރަމުން އަންނަ ޤާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ މަޖިލިސް އިންތިޚާބު ބޭއްވުނީ 2009 ވަނަ އަހަރުގައެވެ. އެއިންތިޚާބުގައި 77 ދާއިރާއެއް ހުރިއިރު، 2014 ވަނަ އަހަރުގެ އިންތިޚާބަށް 85 ދާއިރާ އިތުރުވިއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ ވަގުތީ ރިޕޯޓަށް މާބޮޑު ބަދަލެއް ނާންނަ ނަމަ، 2019 ވަނަ އަހަރުގެ އިންތިޚާބުގައި 87 މެމްބަރުން އިންތިޚާބު ކުރާނެއެވެ.