ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގެ ފަހު ވަގުތުގައި ޑޭވިޑް ސިލްވާ ޖެހި ގޯލުން 2-1 އިން ހޮފެންހައިމް އަތުން މެންޗެސްޓަރ ސިޓީން މޮޅުވިއިރު ބަޔާން މިއުނިކާއި އަޔެކްސް އެމްސްޓެޑަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
މި ނަތީޖާއާއެކު ސިޓީ މިހާރު އޮތީ ގްރޫޕް ޖީ ގެ ދެވަނައިގައި ތިން ޕޮއިންޓާ އެކުއެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮލިމްޕިކް ލިޔޯން އޮތްއިރު ޝަކްތަރު ޑޮނެސްކް އޮތީ ދެ ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތް ހޮފެންހައިމް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ހޮފެންހައިމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރިން ލީޑް ނެގީވެސް އެޓީމުންނެވެ. މެޗު ފެށިގެން 44 ވަރަކަށް ސިކުންތުގެ ތެރޭގައި މިލަނޑު ޖަހައިދިނީ އިޝާކް ބެލްފޮޑިލް އެވެ.
އޭގެ ހަތް މިނެޓުފަހުން، ޖަރުމަނުގެ ހުނަރުވެރި ވިންގާ ލެރޯއީ ސާނޭ ތަނަވަސްކުރި ފުރުޞަތަކުން ސާޖިއޯ އަގުއޭރޯ ވަނީ ސިޓީ އަށް އެއްވަރުކޮށްދީފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން، ހޮފެންހައިމް އިން ބޮޑަށް ޑިފެންސަށް އިސްކަންދީގެން ކުޅެފައިވެއެވެ.
ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ސްޕެއިނުގެ މިޑްފީލްޑަރު ސިލްވާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ހޮފެންހައިމްގެ ކުޅުންތެރިއަކު ދިފާއުކުރަން ޖައްސާލި ބޯޅައެއްގައި ހެދުނު ގޯހެއްގެ ފައިދާނަގައި ޕެނަލްޓީއޭރިޔާތެރޭގައި ހުރެ ފޮނުވާލި ބޯޅައަކުން ސިލްވާ ކާމިޔާބުކުރި ގޯލެކެވެ.
ގްރޫޕް އީ ގައި ހިމެނޭ ބަޔާން ރޭ އަމިއްލަ ދަނޑުގައި ހޮލެންޑްގެ އަޔެކްސް އާ ބައްދަލުކުރި މެޗުގެ ހަތަރުވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގައިދިނީ ޖަރުމަނުގެ ޑިފެންޑަރު މެޓްސް ހުމެލްސް އެވެ. މިއީ ބަޔާންގެ ހޮލެންޑް ވިންގާ އާރެން ރޮބެން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ހުމެލްސް ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 22 ވަނަ މިނެޓުގައި އަޔެކްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑޫސަން ޓަޑިޗް ދިން ބޯޅައަކުން ނޫސައިރު މަޒްރާއުއީ އެވެ. މިމެޗުގައި ބަޔާން އަދި އަޔެކްސް އަށް އިތުރު ގޯލެއް ކާމިޔާބުކުރެވިފައިނުވީނަމަވެސް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތައް ދެ ޓީމުންވެސް ތަނަވަސްކޮށްފައިވެއެވެ.
އެގޮތުން، މިމެޗުގެ އިތުރުވަގުތުގައި އަޔެކްސްގެ ޑެންމާކް މިޑްފީލްޑަރު ލަސޭ ޝޯނޭ އަށް ލިބުނު ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑީގައި ޖެހިފައިވެއެވެ.
މިގުރޫޕުގައި ހިމެނޭ އަނެއް ދެޓީމު ކަމަށްވާ ބެންފީކާ ވަނީ 3-2 އިން ރަށުން ބޭރުގައި އޭއީކޭ އެތެންސް ބަލިކޮށްފައެވެ.
މިމުބާރާތުގައި ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލިޔޯން އާ ޝަކްތަރު ޑޮނެސްކް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ.