ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ލިއޮނަލް މެސީ ކާމިޔާބުކުރި ދެލަނޑުން ބާސެލޯނާ އިން ޓޮޓެންހަމް ހޮޓްސްޕާ އަތުން މޮޅުވެއްޖެއެވެ. ބާސާއިން މިމެޗު ކާމިޔާބުކުރީ 4-2 އިންނެވެ.
ރޭގެ މޮޅާ އެކު ބާސާ ވަނީ 6 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައަށް ޖެހިލައިފައެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު ބާސާ އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް އާއި އެންމެ ފުލުގައި އުޅޭ ޕީއެސްވީ އެއިންދޯވަން އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗަށް ޓޮޓެންހަމް ނިކުތްއިރު، އަނިޔާގެ ސަބަބުން އެޓީމު އެންމެ ފަހުން ކުޅުނު މެޗުތައް ގެއްލިފައިވާ ފްރާންސްގެ ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް މިމެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވެއެވެ. ނަމަވެސް، އެޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޑެލޭ އަލީ އާއި ކްރިސްޓިއަން އެރިކްސަން އަދިވެސް އަނިޔާއިން ރަނގަޅު ނުވާތީވެ މިމެޗަށް ނެގި ސްކޮޑުގައި ނުހިމެނެއެވެ.
ބާސާއިން މިމެޗަށް ނިކުތީ އެންމެ ފަހުން ކުޅުނު މެޗުގައި ރަތްކާޑު ދެއްކި ފްރާންސްގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީގެ އިތުރުން އަނިޔާގައި ހުރި ސާޖީ ރޮބާޓޯގެ ބަދަލުގައި ކްލެމެންޓް ލެންގްލެޓް އަދި ނެލްސަން ސެމޭޑޯ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
މިމެޗު ފެށިގެން ދެވަނަ މިނެޓުގައި، ބާސާ އަށް ލީޑް ނަގައިދިނީ ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އެވެ. މިއީ އެޓީމުގެ ޖޯޑީ އަލްބާ ދިން ބޯޅައެއް ޕެނަލްޓީއޭރިޔާގެ ރޮނގުމަތިން ފޮނުވާލައިގެން ކުޓީނިއޯ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ބާސާގެ ލީޑް ފުޅާ ކުރުމަށް މެސީ އަށް ލިބުނު ދެ ފުރުޞަތެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.
މެޗުގެ 28 ވަނަ މިނެޓުގައި، އިވާން ރަކިޓިޗް ވަނީ ޕެނަލްޓީއޭރިޔާ ބޭރުން އެއްފަހަރުން ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލަކުން ބާސާ އަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއަކުން ބާސާ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން، 7 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރެއިން ހެރީ ކޭން ކާމިޔާބުކުރި ރީތި ލަނޑުން ޓޮޓެންހަމް ތަފާތު ކުޑަކުރި ނަމަވެސް އޭގެ ހަތަރު މިނެޓުފަހުން ސްޕެއިނުގެ ފުލްބެކް އަލްބާ ދިން ބޯޅައަކުން މެސީ ވަނީ ބާސާ އަށް އަލުން ދެލަނޑުގެ ލީޑް ހޯދައިދީފައެވެ.
މެޗުގެ 66 ވަނަ މިނެޓުގައި، ޓޮޓެންހަމް އަށް ކުޅޭ ދެކުނު ކޮރެއާގެ ސަން ހެއުން-މިން ތަނަވަސްކުރި ފުރުޞަތަކުން އާޖެންޓީނާގެ އެރިކް ލަމޭލާ ވަނީ އެޓީމަށް އިތުރު ލަނޑެއް ޖަހައިދީ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ.
ބާސާގެ ފަހު ލަނޑު، މެޗުގެ 90 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރީ ވެސް އަލްބާ ދިން ބޯޅައަކުންނެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.
މިގުރޫޕުގައި ހިމެނޭ އިޓަލީގެ އިންޓަ މިލާން ވަނީ ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން 2-1 އިން ޕީއެސްވީ ބަލިކޮށް މިހާތަނަށް ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހަމަކޮށް، ސަތޭކަ ޕަސެންޓްގެ ރެކޯޑާއެކު ތާވަލްގެ ދެވަނައިގައި ހަމަޖެހިލައިފައެވެ. މިމެޗުގެ 27 ވަނަ މިނެޓުގައި ޕީއެސްވީގެ ޕަބްލޯ ރޮސާރިއޯ ލީޑް ނަގައިދިން ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ރަޖާ ނައިންގޮލަން ކާމިޔާބުކުރި ރީތި ލަނޑުން އިންޓަ އެއްވަރުކުރިއެވެ. މިމެޗުން އިންޓަ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ 60 ވަނަ މިނެޓުގައި ކެޕްޓަން މައުރޯ އިކާޑީ އެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް އޭ ގައި ހިމެނޭ އެތުލެޓިކޯ މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމުންޑް ވެސް މޮޅުވިއެވެ. ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން އަމިއްލަ ދަނޑުގައި އެތުލެޓިކޯ މޮޅުވީ 3-1 އިންނެވެ. މިމެޗުގައި އެތުލެޓިކޯ އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން އެވެ. މިމެޗުގައި ގްރީޒްމަން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގެ 8،000 ވަނަ ގޯލެވެ. އެޓީމުގެ ފަހު ލަނޑު ޖަހައިދިނީ ކޯކޭ އެވެ. ބްރޫޖް އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާނައު ގްރޮއެންވެލްޑް އެވެ.
މިގުރޫޕުގައި ހިމެނޭ ޑޯޓްމުންޑް ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ފްރާންސްގެ މޮނާކޯ އަތުން މޮޅުވެފައެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ޖާކޮބް ބްރޫން ލާސެން އާއި ޕާކޯ އަލްކަސާގެ އިތުރުން މާކޯ ރޮއިސް އެވެ.